އެތައް ހަފްތާއެއްގެ ޤާނޫނީ ހަނގުރާމައަކަށްފަހު، ކުރީގެ ޓްވިޓަރ އަދި މިހާރުގެ އެކްސް ބްރެޒިލްގެ ކޯޓުތަކުގެ އަމުރުތަކަށް ތަބާވެ، އެ ގައުމުގައި އަލުން ޚިދުމަތް ފެށުމަށް އެއްބަސްވެއްޖެއެވެ.

އެ ގައުމުގެ ޤާނޫނުތަކާ ޚިލާފުވާ ހައްދުފަހަނައަޅާފައިވާ އެކައުންޓްތައް ބްލޮކްކުރުމަށާއި، ބްރެޒިލްގައި ޤާނޫނީ ބަދަލުހިފުމުގެ އޭޖެންޓެއް ކަނޑައެޅުމަށް ތައްޔާރަށް ތިބިކަމަށް އެކްސް އިން ވަނީ ބްރެޒިލްގެ ސުޕްރީމް ކޯޓަށް އަންގާފައެވެ. މި މައްސަލައިގައި މައިގަނޑު ދައުރެއް އަދާކުރައްވާފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލެކްޒެންޑްރޭ ޑި މޮރާސް ވަނީ އެކްސް އަށް ފަސް ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. މި މުއްދަތުގައި ޤާނޫނީ ކަންކަން ފުރިހަމަކޮށް، އަލުން ބްރެޒިލްގައި ޚިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށެވެ. އަދި އެކްސް އިން ވަނީ ކުރިން ދައްކަންޖެހުނު ޖޫރިމަނާތައްވެސް ދައްކާފައިވާ ކަމަށް ވޮޝިންގްޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވެއެވެ.

Ad
rt

މަސްކް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހައްދުފަހަނައަޅާފައިވާ ފަރާތްތަކާ އެއްސަފުގައި ހުންނަ މީހެއްގެ ގޮތުގައި މަޝްހޫރު މީހެކެވެ. މީގެތެރޭގައި ބްރެޒިލްގެ ކުރީގެ ރައީސް ޖައިރު ބޯލްސޮނާރޯ ހިމެނެއެވެ. ބޯލްސޮނާރޯ އަކީ ފައިސާ ދޮވުމާއި، އިންތިޚާބުގެ ނަތީޖާ ބަދަލުކުރަން މަސައްކަތްކުރި ކަމުގެ ތުހުމަތުގެ ދަށުން ތަޙްޤީޤުގެ ތެރޭގައި ހުރި މީހެކެވެ.

އެކްސް ބްރެޒިލްގައި އަލުން ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާއިރު، އެކްސްގެ ކުރީގެ ޔޫޒަރުން އަލުން އެ ޕްލެޓްފޯމަށް އަންނާނެކަމުގެ ޔަޤީންކަމެއް ނެތެވެ. މި މުއްދަތުގައި ޓަމްބްލަރ ފަދަ ޕްލެޓްފޯމްތަކަށް 349% ގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ބްލޫސްކައި ފަދަ އައު ޕްލެޓްފޯމްތަކަށްވެސް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ޓެކް ރިޕޯޓްތައް ބުނެފައިވެއެވެ.

އެކްސްގެ ހިންގުމުގައި މަސްކް ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން، ހައްދުފަހަނައަޅާފައިވާ ޚިޔާލުތަކަށް ފުރުޞަތު ބޮޑުވެ، ހޮލޯކޯސްޓް އިންކާރުކުރުން ފަދަ ކަންކަމަށް މިލިއަނުން މީހުންގެ ސަމާލުކަން ލިބޭ ކަމަށް ގިނަ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.