ފަހު ސިކުންތުކޮޅުގެ ތެރޭ ޖޯން ސްޓޯންސް ޖެހި ލަނޑުން، އެކަކު މަދުކޮށް ކުޅެމުންދިޔަ އާސެނަލް އަތުން ސިޓީ ބަލިނުވެ ސަލާމަތް ވެއްޖެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ.

Ad
rt

ޑިފެންސަށް އިސްކަން ދީގެން ފެށި އާސެނަލް ކޮޅަށް ސިޓީން ލަނޑުޖަހައި ލީޑު ނެގީ މެޗުގެ 9 ވަނަ މިނެޓުގައެވެ. ސަވީނިއޯ ކުޅުނު ތުރޫ ޕާހަކަށް އަރާ ހާލަންޑް ވަނީ އެ ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލާފައެވެ. މިއީ ސިޓީއަށް ކުޅުނު 105 މެޗުން އޭނާ ޖެހި 100 ވަނަ ލަނޑެވެ. އޭނާ މި އަދަދަށް ލަނޑުޖަހާފައި މިވަނީ އެންމެ ދެ ސީޒަނުންނެވެ.

ބައިކޮޅަށް ވަތް ލަނޑާއިއެކު އާސެނަލުން ވަނީ ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމް ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު މާޓިނެލީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ކަލަފިއޯރީއެވެ. އާސެނަލުން ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ލިބުނު ކޯނަރަކުން ތަނަވަސްވީ ފުރުސަތެއްގައި މަގާޅެސް ޖެހި ލަނޑުންނެވެ.

ފުރަތަމަ ހާފުގެ ފަހު ވަގުތުކޮޅު ތެރޭ ސިޓީގެ ބާނާޑޯ ސިލްވާއަށް، ޓްރޮސާޑް ކުރި ފައުލަކާއި ގުޅިން ރެފްރީވަނީ އޭނާއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދައްކާފައެވެ. ވުމާއިއެކު އާސެނަލުން މެޗުގެ ދެވަނަ ހާފުގައި ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މެޗުގެ ދެވަނަ ހާފުގައި ސިޓީން ގިނަ އެޓޭކްތަކެއް އުފެއްދި ނަމަވެސް އާސެބަލްގެ ކީޕަރު ވަނީ އެ ހަމަލާތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ސިޓީން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އިތުރު ވަގުތުގެ ވެސް ފަހު ސިކުންތުކޮޅު ތެރޭ ސްޓޯންސް ޖަހައިދިން ލަނޑުންނެވެ.

މި ނަތީޖާއާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ ސިޓީއެވެ. އެ ޓީމަށް 5 މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ލިވަޕޫލަށް 5 މެޗުން ލިބިފައި ވަނީ 12 ޕޮއިންޓެވެ. މިވަގުތު އާސެނަލް އޮތީ ތާވަލުގެ ހަތަރުވަނާގައެވެ. އެ ޓީމަށް 5 މެޗުން ލިބިފައި ވަނީ 11 ޕޮއިންޓެވެ.