ކުރިއަށް އޮތްތާންގައި ޔޫޓިއުބުން ނެރެން ގަސްތުކޮށްފައިވާ މުހިންމު ފީޗާތައް އިއުލާންކޮށްފިއެވެ.

ޔޫޓިއުބުން ނިއު ޔޯކުގައި ބޭއްވި އަހަރީ ޖަލްސާގައި ގިނަ އައު ފީޗަރތަކެއް ހާމަކޮށްފައިވާއިރު، މި ފީޗަރތަކުގެ ގިނަ އަދަދެއް ބިނާވެފައިވަނީ ގޫގުލްގެ ޑީޕްމައިންޑް އޭއައި ޓެކްނޮލޮޖީގެ މައްޗަށް ކަމަށާއި، މައިގަނޑު އަމާޒަކީ ކޮންޓެންޓް ކްރިއޭޓަރުންނަށް އިތުރު ފުރުޞަތުތަކެއް ހޯދައިދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

Ad
rt

ތަޢާރަފުކުރާ އައު ފީޗަރތަކުގެ ތެރޭގައި "ހައިޕް" ބަޓަނެއް ހިމެނެއެވެ. މިއީ މިހާރުގެ ލައިކް ބަޓަނުގެ އަރިމަތީގައި ހުންނާނެ ބަޓަނެއް ކަމަށާއި، މި ބަޓަން ބޭނުންކޮށްގެން ވީޑިއޯއެއް ހަފްތާގެ ލީޑަރބޯޑަށް ފޮނުވޭނެ ކަމަށް ޔޫޓިއުބުން ބުނެއެވެ. މިފީޗާ މެދުވެރިކޮށް ކޮންމެ ޔޫޒަރަކަށް ހަފްތާއަކު 3 "ހައިޕް" ދެވޭނެއެވެ.

އޭގެ އިތުރުން، ކްރިއޭޓަރުންނަށް އެމީހުންގެ ކޮންޓެންޓް ސީޒަންތަކާއި އެޕިސޯޑުތަކަށް ބަހާލެވޭނެ ގޮތް ހަދައިދޭނެ ކަމަށާއި، ޗެނަލްއެއްގައި ކްލިކްކުރުމުން ވީޑިއޯތައް އަމިއްލައަށް ޕްލޭވާން ފަށާނެ ކަމަށްވެސް ބުނެއެވެ.

ކްރިއޭޓަރުންނަށް އަމާޒުކޮށްގެން ގެނެވޭ އިތުރު ބަދަލުތަކުގެ ތެރޭގައި ޔޫޓިއުބު ސްޓޫޑިއޯ އެޕްގެ ކޮމިއުނިޓީ ހަބްގައި އޭއައި މެދުވެރިކޮށް ކޮމެންޓްތަކަށް ޖަވާބުދެވޭނެ ގޮތް ހެދުމާއި، ކްރިއޭޓަރުންނާއި ސަބްސްކްރައިބަރުންނަށް ދެކޮޅަށް މުޢާމަލާތްކުރެވޭނެ "ކޮމިއުނިޓީސް" ކިޔާ އައު ޖާގައެއް ތަޢާރަފުކުރުން ހިމެނެއެވެ.

މީގެ އިތުރުން، އިންސްޕިރޭޝަން ޓެބް އަޕްގްރޭޑްކޮށް، އައިޑިއާއެއް ފުރިހަމަ ޕްރޮޖެކްޓަކަށް ބަދަލުކުރުމަށް އޭއައި ބޭނުންކުރެވޭނެ ގޮތް ހަދައިދޭނެ ކަމަށާއި، ޑްރީމް ސްކްރީން ފީޗަރ އަޕްގްރޭޑްކޮށް، "ވެއޯ" ކިޔާ ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން އިތުރަށް "ރިއަލިސްޓިކް" ބެކްގްރައުންޑްތައް އުފެއްދޭނެ ކަމަށްވެސް ޔޫޓިއުބުން ބުނެފައިވެއެވެ.

މި އައު ފީޗަރތަކުން ޔޫޓިއުބު ބޭނުންކުރާ ފަރާތްތަކަށް، ޚާއްޞަކޮށް ކޮންޓެންޓް ކްރިއޭޓަރުންނަށް އެމީހުންގެ މަސައްކަތް ފުޅާކޮށް، އޯޑިއަންސްއާ އިތުރަށް ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.