އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ލިވަޕޫލުން ކުޅުނު މެޗުތައް ކާމިޔާބުކުރި އިރު، މެންޗެސްޓާ ޔުނައިޓެޑް ކުޅުން މެޗު އެއްވަރު ވެއްޖެއެވެ.
ރޭ ރަށުން ބޭރުގައި ޗެލްސީ ނުކުތީ ވެސްޓްހޭމްއާއި ދެކޮޅަށެވެ. އެ މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޗެލްސީންނެވެ. މި މެޗުގައި ޗެލްސީން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ފުރަތަމަ ހާފްގައި ނިކޮލަސް ޖެކްސަން ކާމިޔާބުކުރިއިރު ތިންވަނަ ލަނޑު ޖަހައިދީފައިވަނީ ކޯލް ޕާމާ އެވެ.
ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން ވަނީ 3-0 ގެ ނެތީޖާއިން ބޯންމައުތު ބަލިކޮށްފައެވެ. މި މެޗުގައި ލިވަޕޫލުން ޖެހި ތިން ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. އެ ޓީމްގެ ފުރަތަމަ ދެ ލަނޑު ލުއިސް ޑިއާޒް ޖެހިއިރު ތިންވަނަ ލަނޑު ޖަހައިދިނީ ޑާވިން ނުނޭޒްއެވެ.
ރޭ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑް ވަނީ ކްރިސްޓަލް ޕެލަސްއާއި އެއްވަރުވެފައެވެ. މި މެޗު ނިމިގެން ދިޔައީ 0-0 ގެ ނަތީޖައިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމުން ވެސް ހޯދިއެވެ. ނަމަވެސް އެއްވެސް ހަމަލާއެއް ގޯލަށް ބަދަލު ކޮށްލެވޭ ގޮތެއް ނުވިއެވެ.
މި ނަތީޖާތަކާއިއެކު މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ލިވަޕޫލެވެ. އެ ޓީމަށް 5 މެޗުން ވަނީ 12 ޕޮއިންޓް ލިބިފައެވެ. މެޗެއް މަދުން ކުޅެ މެންޗެސްޓާ ސިޓީ އޮތީ ދެވަނާގައެވެ. އެ ޓީމަށް 4 މެޗުން ވަނީ 12 ޕޮއިންޓް ލިބިފައެވެ. ހަތަރު ވަނާގައި ޗެލްސީ އޮތީ 5 މެޗުން ހޯދި 10 ޕޮއިންޓާއި އެކުއެވެ. ދަށް ނަތީޖާތަކެއް ނެރެމުން އަންނަ ޔުނައިޓެޑް އޮތީ ޕޮއިންޓް ތާވަލުގެ 11 ވަނާގައެވެ. އެ ޓީމަށް 5 މެޗުން ލިބިފައި ވަނީ 7 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!