ބަންގްލަދޭޝްގައި ފެތުރެމުންދާ ޑެންގޫ ރޯގާގައި އިތުރު މީހަކު މަރުވެއްޖެއެވެ.
މިއާއެކު މިއަހަރު ޑެންގީއިން މަރުވި މީހުންގެ އަދަދު 125 އަށް ވަނީ އަރައިފައެވެ.
އެ ޤައުމުގެ ޞިއްޙަތާބެހޭ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސަރވިސަސް (ޑީޖީއެޗްއެސް) އިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޑެންގޫ ރޯގާއަށް ފަރުވާ ހޯދުމަށް 843 މީހުން ހޮސްޕިޓަލްތަކަށް ވައްދާފައިވާ ކަމަށެވެ.
މީގެ ތެރެއިން 226 މީހުން ވައްދާފައިވަނީ ޑާކާ ނޯތު ސިޓީ ކޯޕަރޭޝަންގެ ދަށުގައިވާ ހޮސްޕިޓަލްތަކަށެވެ. އަދި 162 މީހުން ވައްދާފައިވަނީ ޑާކާ ސައުތު ސިޓީ ކޯޕަރޭޝަންގެ ދަށުގައިވާ ހޮސްޕިޓަލްތަކަށެވެ.
މިވަގުތު ޤައުމުގެ އެކި ހޮސްޕިޓަލްތަކުގައި 2,706 މީހުންނަށް ޑެންގޫ އަށް ފަރުވާ ދެމުންދެއެވެ. 2024 ވަނަ އަހަރު ފެށުނީއްސުރެ މިހާތަނަށް ޖުމްލަ 23,108 ޑެންގޫ ކޭސް ރިޕޯޓުކުރެވިފައިވެއެވެ.
މިދިޔަ އަހަރަކީ ބަންގްލަދޭޝްގައި ޑެންގޫ ރޯގާގެ ސަބަބުން އެންމެ ގިނަ މީހުން މަރުވި އަހަރެވެ. އެގޮތުން 2023 ވަނަ އަހަރު 1,705 މީހުން ޑެންގޫއިން މަރުވިއެވެ. އަދި މުޅި އަހަރު ތެރޭގައި 321,179 ޑެންގޫ ކޭސް ރިޕޯޓުކުރެވި، 318,749 މީހުން ރޯގާއިން ރަނގަޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!