އިރާނުގެ ހެކަރުން މެދު އިރުމަތީގެ ގައުމުތަކުގެ ޓެލެކޮމް އަދި ސަރުކާރުތަކުގެ އޭޖެންސީތަކުގެ ސިސްޓަމްތަކަށް ބެކްޑޯ ސޮފްޓްވެއަރ ބޭނުންކޮށްގެން ވަންނަ ކަމަށް ގޫގުލްއިން ބުނެފިއެވެ.

އިރާނުގެ އިންޓެލިޖެންސް އަދި ސެކިއުރިޓީ މިނިސްޓްރީގެ ތެރެއިން ހިންގާ ސައިބަރ އޮޕަރޭޝަނަކުން މެދު އިރުމަތީގެ ޓެލެކޮމިއުނިކޭޝަން އަދި ސަރުކާރު އިދާރާތަކުގެ ސިސްޓަމްތަކަށް ވަދެގަތުމަށް ބެކްޑޯ ސޮފްޓްވެއަރ އަޅާފައިވާ ކަމަށް ބުނެފައިވަނީ ގޫގުލްގެ ސެކިއުރިޓީ ޔުނިޓެއް ކަމަށްވާ މެންޑިއަންޓުންނެވެ.

Ad
rt

މެންޑިއަންޓުން ބުރާސްފަތި ދުވަހު ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފައިވަނީ UNC1860 ގެ ނަމުގައި މިމަސައްކަތް ކުރިއަށްދާ ކަމަށެވެ. މި ޔުނިޓާ ގުޅުންހުރި ހެކަރުން ވަނީ އެހެން އިރާނީ ހެކަރުންނަށް އެހީތެރިވެދޭ ޚާއްޞަ ޓޫލްތަކާއި ޕެސިވް ބެކްޑޯތައް ތައްޔާރުކޮށްފައި ކަމަށް ރިސާޗަރުން ބުނެއެވެ.

"މި ގްރޫޕްތަކުން ވަނީ 2023 ގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު އިސްރާއީލަށް އަމާޒުކޮށް BABYWIPER އިން ދިން ހަމަލާއާއި 2022 ގައި އަލްބޭނިއާއަށް ROADSWEEP އިން ދިން ހަމަލާއަށް ފުރަތަމަ ވަދެގަތުމުގެ މަގު ފަހިކޮށްދީފައި،" މެންޑިއަންޓުން ބުންޏެވެ.

މެންޑިއަންޓުން ބުނާ ގޮތުގައި UNC1860 ގެ މައިގަނޑު އެއް ސިފައަކީ "އެ ގްރޫޕުގެ އިނީޝަލް އެކްސެސް އަދި ލެޓަރަލް މޫވްމަންޓް ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީވެދޭ ޕެސިވް/ލިސްނަރ ބޭސްޑް ޔުޓިލިޓީސްގެ އެކި ބާވަތްތައް ދެމެހެއްޓުމެވެ".

މި ޓޫލްތައް ފަރުމާކޮށްފައިވަނީ އެންޓި-ވައިރަސް ސޮފްޓްވެއަރތަކުން ސަލާމަތްވެ، އެކި ބޭނުންތަކަށް ސިސްޓަމްތަކަށް ސިއްރުން ވަދެވޭ ގޮތަށެވެ.

މެންޑިއަންޓުން UNC1860 އަކީ "ބިރުވެރި ނުރައްކަލެއް" ކަމަށް ބުނެ، މި ގްރޫޕުން "ޖާސޫސްކުރުމުން ފެށިގެން ނެޓްވޯކަށް ހަމަލާދިނުމުގެ ނިޔަލަށް ހުރި އެކި މަޤްޞަދުތައް ހާސިލުކުރުމަށް" މަސައްކަތްކުރާ ކަމަށް ބުނެފައިވެއެވެ.

އެމެރިކާގެ އެފްބީއައި އާއި އެހެނިހެން ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ބުނެފައިވަނީ އިރާނުގެ ހެކަރުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ލިޔެކިޔުންތައް ވަގަށްނަގައި، އެ މަޢުލޫމާތު ވާދަވެރި ކެމްޕޭނުތަކާއި ނޫސްތަކަށް ފެތުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.