އިސްރާއީލުގެ ސިފައިން ހުޅަނގު އައްސޭރީގެ ދެކުނުގެ ޤަބާޠިއްޔާ ރަށުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ޝަހީދުކޮށްލި ފަލަސްޠީނުގެ ތިން މީހެއްގެ ހަށިގަނޑު ފުރާޅެއްގެ މަތިން އުކާ މަންޒަރު ފެންނަ ވީޑިއޯއިން އާންމުވެއްޖެއެވެ.
މި ވީޑިއޯ އާންމުވުމާއި ގުޅިގެން މިފަދަ ލާއިންސާނީ ޢަމަލުތަކުން ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ބުނީ، އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ.
މި ހާދިސާގެ ވީޑިއޯގައި ފެންނަ ގޮތުން، ސިފައިންގެ ބުލްޑޯޒަރަކުން ޝަހީދުކޮށްލާފައިވާ މީހުންގެ ހަށިގަނޑުތައް އުފުލާފައިވެއެވެ. މި މަންޒަރުތައް މީސްމީޑިއާގައި ފެތުރުމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އިސްރާއީލު ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ މިއީ ވަރަށް "ސީރިއަސް" މައްސަލައެއް ކަމަށެވެ. އަދި މިފަދަ ޢަމަލުތަކަކީ އިސްރާއީލު ސިފައިންގެ އަގުތަކާއި އުންމީދުތަކާ ޚިލާފު ކަމެއް ކަމަށެވެ.
ފަލަސްޠީނުގެ އިދާރާތަކުން ބުނެފައިވާ ގޮތުގައި ބުރާސްފަތި ދުވަހު ޤަބާޠިއްޔާގައި ހިންގި އޮޕަރޭޝަންގައި މަދުވެގެން ފަލަސްޠީނު ހަތް މީހުން ޝަހީދުވެފަވެއެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން، މަރުވެފައިވާ މީހުންގެ ހަށިގަނޑުތަކަށް، އެއީ ދުޝްމަނުންގެ ހަށިގަނޑުތައް ކަމުގައިވީ ނަމަވެސް، އިޙްތިރާމާއެކު މުޢާމަލާތްކުރަންޖެހެއެވެ.
ފަލަސްޠީނުގެ އެކްޓާރނަލް މިނިސްޓްރީން މި ހާދިސާ ސިފަކޮށްފައިވަނީ "ކުށެއް" ގެ ގޮތުގައެވެ. އަދި އިސްރާއީލު ސިފައިންގެ "އަނިޔާވެރިކަން" މި ހާދިސާއިން ހާމަވެގެންދާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ވައިޓް ހައުސްގެ ނެޝަނަލް ސެކިއުރިޓީ ސްޕޯކްސްޕަރސަން ޖޯން ކަރބީ މި ވީޑިއޯ ސިފަކޮށްފައިވަނީ "ވަރަށް ކަންބޮޑުވާންޖެހޭ" ކަމެއްގެ ގޮތުގައެވެ. އަދި މި ވީޑިއޯގެ ޙަޤީޤަތް ސާބިތުވެއްޖެނަމަ، އެއީ ޕްރޮފެޝަނަލް ސިފައިންގެ "ނުބައި އަދި ހައިރާންކުރުވަނިވި" ޢަމަލެއް ކަމަށް އޭނާ ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން ހުޅަނގު އައްސޭރީގައި އަނިޔާވެރި ޢަމަލުތައް އިތުރުވެފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ. މި މުއްދަތުގައި ފަލަސްތީނުގެ 690 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ފަލަސްޠީނުގެ ސިއްޙީ އިދާރާތަކުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!