އެޕަލް ކުންފުނިން މިދިޔަ ހޯމަ ދުވަހު ނެރުނު މެކްއޯއެސް 15 (މެކްއޯއެސް ސެކޯއިއާ) އަޕްޑޭޓުން، ތިންވަނަ ފަރާތްތަކުގެ ސެކިއުރިޓީ ޓޫލްތަކަށް މައްސަލަ ދިމާވަމުންދާ ކަމަށް ޓެކް ރިޕޯޓުތަކުގައި ބުނެފިއެވެ.
މި މައްސަލަ ދިމާވަމުންދަނީ މައިކްރޯސޮފްޓް، ކްރައުޑްސްޓްރައިކް އަދި ސެންޓިނަލްވަން ފަދަ ކުންފުނިތަކުން ތައްޔާރުކޮށްފައިވާ ނެޓްވޯކް-ބޭސްޑް ސެކިއުރިޓީ ސޮފްޓްވެއަރތަކަށެވެ.
މި މައްސަލައިން އެންމެ ބޮޑަށް އަސަރުކުރަނީ ހަމައެކަނި މެކް ޑިވައިސްތައް ބޭނުންކުރާ ވިޔަފާރިތަކަށެވެ. މި ސެކިއުރިޓީ ޓޫލްތަކަކީ އެންޓަރޕްރައިޒް-ގްރޭޑް ޓޫލްތަކަކަށް ވުމުން، ވިޔަފާރިތަކުގެ މުހިންމު މަޢުލޫމާތުތަކަށް ނުރައްކާވެދާނެކަމުގެ ބިރު އުފެދިފައިވެއެވެ. މި މައްސަލަ ދިމާވަމުންދާ ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.
ޓެކްކްރަންޗްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، މެކް ބޭނުންކުރާ ފަރާތްތަކުގެ ސްލެކް ޗެނަލްއެއްގައި ގިނަ ޔޫޒަރުން މި މައްސަލައާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މީގެ އިތުރުން ރެޑިޓްގައިވެސް މި މައްސަލައާ ގުޅޭ ގިނަ ޕޯސްޓުތަކެއް ކުރެވިފައިވާ ކަމަށް ގެޖެޓްސް 360 ގެ މުވައްޒަފުން ފާހަގަކޮށްފައިވެއެވެ.
ސެކިއުރިޓީ ޓޫލްތަކުގެ އިތުރުން، އެހެނިހެން އެޕްލިކޭޝަންތަކަށްވެސް މައްސަލަ ދިމާވަމުންދާ ކަމަށް ބައެއް ޔޫޒަރުން ބުނެފައިވެއެވެ. އެއް ޔޫޒަރަކު ބުނެފައިވާ ގޮތުގައި އެމް1 މެކްސް ޕްރޮސެސަރު ހަރުކޮށްފައިވާ މެކްބުކް ޕްރޯގައި 90 އިންސައްތަ އެޕްލިކޭޝަންތަކަށް މައްސަލަ ދިމާވެފައިވެއެވެ.
މި މައްސަލަތައް ހައްލުކުރާނެ ގޮތާއި ވަގުތާ ގުޅޭގޮތުން އެޕަލްއިން މިހާތަނަށް އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. މި މައްސަލަތަކުގެ ސަބަބުން މެކް ޑިވައިސްތައް ބޭނުންކުރާ ވިޔަފާރިތަކުގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!