އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާފައިވާ މާލީ އެހީތެރިކަމުގެ ތެރެއިން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު އަނބުރާ ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް ފަސްކޮށްދިނުމަށް އިންޑިއާ ސަރުކާރުން ނިންމަވާފައިވެއެވެ.

މި ނިންމެވުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި އައި ނިންމުމެކެވެ. މިއީ މި އަހަރު ތެރޭގައި ދައްކަންޖެހޭ ދެވަނަ ބައި ކަމަށްވާއިރު، ފުރަތަމަ ބައި ވަނީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު ރޯލްއޯވަރ ކޮށްފައެވެ.

Ad
rt

މި އަހަރުގެ މެއި މަހު އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ މި މައްސަލައާ ގުޅޭގޮތުން އިންޑިއާ ސަރުކާރާ މަޝްވަރާކުރައްވާ، މުއްދަތު އިތުރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ދިވެހި ސަރުކާރުން ވިދާޅުވެފައިވަނީ މި އެހީތެރިކަމަކީ އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފިސްކަލް ކޮންސޮލިޑޭޝަން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ލިބުނު މުހިންމު އެހީތެރިކަމެއް ކަމަށެވެ. އަދި މިއީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއާ މެދު ޒަމާނުއްސުރެ ބަހައްޓަވާ އަހައްމިއްޔަތުކަން އަލުން ދައްކުވައިދޭ ކަމެއްގެ ގޮތުގައިވެސް ސަރުކާރުން ފާހަގަކުރައްވައެވެ.

މި ނިންމުން އައިސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ދަނޑިވަޅެއްގައެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދަތުރުފުޅުގައި އިތުރު މާލީ އެހީތެރިކަމާ ގުޅޭ މަޝްވަރާތައްވެސް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.