ފަލަސްތީނު ބިންތަކުން އިސްރާއީލު ފައިބަން އދ. ގެ އާންމު މަޖިލީހުން އަންގައިފިއެވެ.

އދ. ގެ އާންމު މަޖިލީހުން ވަނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތައް އެއް އަހަރު ތެރޭގައި ފަލަސްތީނުން ފޭބުމަށް ގޮވާލާ ގަރާރެއް ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފައެވެ. މި ގަރާރު ފާސްވެފައިވަނީ 124 ގައުމެއްގެ ތާއީދާއެކު، 12 ގައުމެއް ދެކޮޅަށް ވޯޓުދިނުމާއެކުއެވެ. 43 ގައުމަކުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ.

Ad
rt

މި ބައިނޑިން ގަރާރުގައި އިސްރާއީލަށް އަންގާފައިވަނީ ފަލަސްތީނުގެ ބިންތަކުގައި އޮތް އެ ގައުމުގެ ޣައިރު ޤާނޫނީ ވުޖޫދު ލަސްނުކޮށް ނިމުމަކަށް ގެނައުމަށެވެ. އަދި މިކަން 12 މަސްދުވަހަށްވުރެ ލަސްނުކުރުމަށާއި، އިސްތިއުމާރުގެ ސަބަބުން ފަލަސްތީނަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ވެސް އިސްރާއީލަށް އދ. އިން އަންގާފައިވެއެވެ.

މި ގަރާރަކީ ބައިނަލްއަޤްވާމީ ކޯޓު (އައިސީޖޭ) އިން ކުރިން ނެރެފައިވާ ލަފައެއްގެ މައްޗަށް ބިނާކޮށް ފާސްކޮށްފައިވާ ގަރާރެކެވެ. އައިސީޖޭ އިން ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ހިންގަމުންދާ އިސްތިއުމާރީ ވެރިކަމަކީ ޣައިރު ޤާނޫނީ ކަމެއް ކަމަށް ކަނޑައަޅާފައެވެ.

މި ގަރާރު ފާސްކޮށްފައިވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ތެރޭގައެވެ. މި ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 41,250 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އައިސީޖޭ އިން ވަނީ ޣައްޒާގައި ހިނގަމުންދާ އިންސާނިއްޔަތާ ދެކޮޅު ޢަމަލުތައް ހުއްޓުވުމަށާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލަށް އަމުރުކޮށްފައެވެ.

އެމެރިކާ އާއި އިސްރާއީލު ވަނީ މި ގަރާރަށް ދެކޮޅު ހަދާފައެވެ. ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް މި ގަރާރަށް މަރުޙަބާކިޔާ، އިސްރާއީލަށް މި ގަރާރަށް ތަބާވުމަށް ބާރުއެޅުމަށް ދުނިޔޭގެ އެހެން ގައުމުތަކަށް ގޮވާލާފައިވެއެވެ.