ފޭސްބުކްގެ މައި ކުންފުނި ކަމުގައިވާ މެޓާއިން ރަޝިއާގެ އާރުޓީއާއި އެހެނިހެން މީޑިއާ އައުޓްލެޓްތައް ބްލޮކްކުރަން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ މި މީޑިއާތަކުން "ބޭރުގެ ނުފޫޒު ފޯރުވުމުގެ ޙަރަކާތްތައް" ހިންގާތީއެވެ.
މެޓާއިން މި ނިންމުން ނިންމާފައިވަނީ ވައިޓް ހައުސްއިން ރަޝިއާގެ ނުފޫޒު ފޯރުވުމުގެ ކެމްޕޭނުގައި އާރުޓީގެ ދައުރާ ގުޅޭގޮތުން ގިނަ މަޢުލޫމާތުތަކެއް ހާމަކުރުމަށް ފަހުގައެވެ. އަދި މިކަމާ ގުޅިގެން އެމެރިކާއިން ވަނީ އާ ދަޢުވާތަކަކާއި ފިޔަވަޅުތަކެއްވެސް އަޅާފައެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނާ ގޮތުގައި އާރުޓީއާއި ކުރެމްލިންއިން ވަނީ ދުނިޔެއަށް ދޮގު މަޢުލޫމާތު ފެތުރުމަށް މެޓާގެ ޕްލެޓްފޯމްތައް ބޭނުންކޮށްފައެވެ. މީގެ އިތުރުން އާރުޓީއިން ވަނީ ސޯޝަލް މީޑިއާގައި ހިންގި ފަންޑްރެއިޒިންގ ކެމްޕޭނަކުން ހޯދި ފައިސާއިން ޔުކްރެއިންގެ ހަނގުރާމައިގައި ހަތިޔާރު ގަނެ، ސިފައިންނަށް ފޯރުކޮށްދީފައިވާ ކަމަށްވެސް ތުހުމަތުކުރެވެއެވެ.
މެޓާއިން މި ނިންމުން ނިންމުމާ ގުޅިގެން ކުރެމްލިންގެ ތަރުޖަމާނު ޑްމިޓްރީ ޕެސްކޮވް ވަނީ މެޓާގެ މި ޢަމަލު ކުށްވެރިކޮށް، މިފަދަ ހޮވާލެވިގެން އަޅާ ފިޔަވަޅުތައް ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ. ޕެސްކޮވް އިތުރަށް ބުނެފައިވަނީ މިކަމުގެ ސަބަބުން މެޓާއާ ރަޝިއާއާ ދެމެދު އޮތް ގުޅުން އާދައިގެ ހާލަތަކަށް އައުމަށް އުނދަގޫވާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރަޝިއާއިން ވަނީ 2022 ވަނަ އަހަރު ޔުކްރެއިންއަށް ހަމަލާދިނުމާ ގުޅިގެން އެ ޤައުމުގައި ފޭސްބުކްއާއި އިންސްޓަގްރާމްގެ ޚިދުމަތް ބަންދުކޮށްފައެވެ. އަދި އޭގެ ފަހުން މޮސްކޯގެ ކޯޓަކުން ވަނީ މެޓާއަކީ "ހައްދުފަހަނައަޅާފައިވާ" ފަރާތެއް ކަމަށް ކަނޑައަޅައި، ނަމަވެސް ވަޓްސްއެޕްގެ ޚިދުމަތް އެ ޤައުމުގައި ދެމެހެއްޓުމަށް ހުއްދަދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!