ހުޅުމާލޭގައި އިލްމު އިންސްޓިޓިއުޓްގެ ފޯ އިސްލާމިކް ސްޓަޑީޒްގެ އައު މަރުކަޒެއް ހުޅުވައިފިއެވެ.
މި މަރުކަޒު ޤާއިމުކޮށްފައިވަނީ ހުޅުމާލޭ ފިތުރޯނު މަގުގައި ހުންނަ ރެނަޓަސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައެވެ. އެއީ ބޭންކް އޮފް މޯލްޑިވެސް ޑޮލަރު އޭޓީއެމް ހުންނަ އިމާރާތުގެ ފުރަތަމަ ފަންގި ފިލާއެވެ.
އައު މަރުކަޒުގައި ފަސް ކްލާސްރޫމާއި، ރިސާރޗް ރޫމަކާއި، އެގްޒެކެޓިވް އޮފީސް ބައެއް ހިމެނެއެވެ. މި މަރުކަޒު ރަސްމީކޮށް ހުޅުވައިދެއްވީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛު ޙުސައިން ޝަރީފެވެ.

އިލްމު އިންސްޓިޓިއުޓުން މަޢުލޫމާތު ދެއްވި ގޮތުގައި މި މަރުކަޒުގައި ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކާއި، ކުޑަކުދިންނަށް ޚާއްޞަ ޤުރުއާން ކިޔަވައިދިނުމުގެ ކްލާސްތަކާއި، އަދި ޢަރަބި ބަހުގެ ކްލާސްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށްފައިވާ ޤުރުއާނުގެ ދާއިރާގެ ކޯސްތަކާއި ޢަރަބި ބަހުގެ ކޯސްތައްވެސް ކުރިއަށްގެންދާނެ ކަމަށް ބުނެފައިވެއެވެ.

އިންސްޓިޓިއުޓުން އިތުރަށް ހާމަކުރި ގޮތުގައި ކްލާސްތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ހަފުތާގެ އާދީއްތަ ދުވަހުގެ ރޭއެވެ. އަދި މި މަރުކަޒަކީ ހުޅުމާލޭގައި ކީރިތި ޤުރުއާނާއި އިސްލާމީ ޢިލްމު ޙާޞިލުކުރުމަށް ޤާއިމުކުރެވިފައިވާ އެންމެ ފުރިހަމަ މަރުކަޒު ކަމަށްވެސް ބުނެފައިވެއެވެ.

މި މަރުކަޒުގައި ތަނަވަސް، އެއަރކޮންޑިޝަންކޮށްފައިވާ ކްލާސްރޫމްތަކާއި، ޒަމާނީ ވަސީލަތްތައް ޤާއިމުކޮށްފައިވާ ކަމަށް އިލްމު އިންސްޓިޓިއުޓުން މަޢުލޫމާތު ދީފައިވެއެވެ.
އެތަނުގައި ހިންގާ ކޯސްތަކަށް ކުރިމަތިލުމަށް މިހާރު ހުޅުވާލާފައިވަނީ އޮންލައިންކޮންނެވެ. އެޕްލިކޭޝަން ލިންކް އެ އިންސްޓިތީޓއުޓްގެ ފޭސްބުކް ޕޭޖުންނާއި މީސްމީޑިޔާ މަންސަތަކުން ލިބެން ހުންނާނެކަމަށް ބުނެއެވެ.
އިލްމު އިންސްޓިޓިއުޓް މާލޭގައި ހިންގަމުން އަންނަނީ މާފަންނު މަދަރުސާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!