މީހެއްގެ ވައިބަރ އާއި ފޭސްބުކް ހެކްކޮށްގެން ހީލަތުން އަތުލިފައިސާތަކެއް ހަ ގަޑިއިރު ތެރޭ ފުލުހުން ހޯދައިދީފިއެވެ.
ފުލުހުން ބުނީ، މީހެއްގެ ވައިބަރ އާއި ފޭސްބުކް އެކައުންޓުގެ ކޮންޓްރޯލް ހޯދައި، އެ މީހާގެ ނަމުގައި އެކި މީހުންނަށް މެސެޖުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން އަތުލި ފައިސާތަކެއް ހޯދައި ވެރިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
މިއީ ސެޕްޓެންބަރު މަހުގެ 13 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
‘’މި މައްސަލައާއި ގުޅިގެން، އެ ފައިސާތައް ހޯދުމަށް ހެންވޭރު ޕޮލިހާއި ސައިބަރ ސެންޓަރުގެ ފުލުހުން ގުޅިގެން ކުރި މަސައްކަތުން ހަ ގަޑިއެއްހާއިރުގެ ތެރޭގައި އެ ފައިސާތައް ވަނީ ހޯދާފައި’’ ފުލުހުން ބުނެފަވެއެވެ.
ފުލުހުން ވަނީ، އެކި މީހުން ފައިސާ ޖަމާކޮށްފައިވާ ތިން އެކައުންޓުގެ ވެރިފަރާތް ހޯދައި ދެނެގަނެ 10700 ރުފިޔާ ހޯދާފައެވެ.
މި މައްސަލައާ ގުޅިގެން މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު، އޭ.ޓީ.އެމް މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާ ސްލިޕްތަކަކާއި ކޭޝްކާޑު ތަކަކާއި ދިރާގު އަދި އުރީދޫ ސިމްތަކެއް ފެނިފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!