މަޝްހޫރު އޭއައި ކުންފުނި އޯޕަން އޭއައި އިން އެ ކުންފުނީގެ އެންމެ ފަހުގެ ބޮޑު ލެންގުއޭޖް މޮޑެލް ކަމުގައިވާ ޖީޕީޓީ--އޯ1 (GPT-o1) ގެ ޕްރިވިއު ވަރޝަން މިއަދު ރިލީޒްކޮށްފިއެވެ.
މި އައު މޮޑެލްގެ ޤާބިލުކަން ކުރީގެ މޮޑެލްތަކަށްވުރެ މަތިވެފައިވާ ކަމަށް ކުންފުނިން ބުނެއެވެ.
އޯޕަން އޭއައިގެ ސީއީއޯ ސެމް އޯލްޓްމަން ވިދާޅުވި ގގޮތުގައި އޯ1-ޕްރިވިއު އަދި އޯ1-މިނީ މޮޑެލްތަކަކީ "އާންމު ބޭނުންތަކަށް އަދި ބޮޑެތި ވިސްނުންތެރި މަސައްކަތްތައް ކުރެވޭ އޭއައި ގެ އައު ޒަމާނެއްގެ ފެށުމެވެ." ނަމަވެސް އޭނާ އިތުރަށް ވިދާޅުވި ގޮތުގައި "އޯ1 އަކީ އަދިވެސް އުނިކަންތައްތަކެއް ހުރި، އަދި ފުރަތަމަ ބޭނުންކުރާއިރު ވަރަށް ފުރިހަމަ ކަމަށް ހީވިޔަސް ގިނަ ވަގުތު ބޭނުންކުރުމަށްފަހު އެހާ ފުރިހަމަ ނޫންކަން އެނގޭ އެއްޗެކެވެ."
މި އައު މޮޑެލްތަކުގެ ޚާއްޞަ ކަމެއްގެ ގޮތުގައި އިންސާނުން ވިސްނާ ގޮތާ އެއްގޮތަށް ވިސްނުމުގެ ޤާބިލުކަން ހިމެނެއެވެ. މިގޮތުން އިތުރު ޕްރޮމްޕްޓް ކުރުމަކާ ނުލައި އަމިއްލައަށް ކުށްތައް ދެނެގަނެ އިސްލާހުކުރުމާއި، އުނދަގޫ މައްސަލަތައް ކުދިކުދި ބައިތަކަކަށް ބަހާލައިގެން ހައްލުކުރުމާއި، އެއް ގޮތަކުން ނުވެއްޖެނަމަ އެހެން ގޮތަކުން މައްސަލަ ހައްލުކުރަން މަސައްކަތްކުރުން ފަދަ ކަންކަން ހިމެނެއެވެ.
ނަމަވެސް މި އައު މޮޑެލްތަކުގައި ކުދިކުދި މައްސަލަތަކެއް ހުރިކަން ކުންފުނިން ވެސް ފާހަގަކޮށްފައިވެއެވެ. މިގޮތުން 100,000 ސުވާލުގެ ތެރެއިން 800 ސުވާލަށް ޖަވާބު ދިނުމުގައި ކުށް ހެދިފައިވާކަމާއި، އޭގެ ތެރެއިން ތިންބައިކުޅަ އެއްބައި ޖަވާބުތަކުގައި މޮޑެލްއަށް އެނގިހުރެ ގަސްތުގައި ނުބައި މަޢުލޫމާތު ދީފައިވާކަން ފާހަގަކުރެވިފައިވެއެވެ.
އޯޕަން އޭއައި އިން މި އައު މޮޑެލްތައް ތަމްރީނުކުރުމަށް ބޭނުންކޮށްފައިވާ ޑޭޓާއާ ބެހޭ މަޢުލޫމާތު މާ ގިނައިން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އާންމުކޮށް ލިބެންހުރި ޑޭޓާއާއި އެހެނިހެން ފަރާތްތަކާކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ލިބިފައިވާ ޑޭޓާ ބޭނުންކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!