އައިފޯން ވަގަށްނެގުން މަދުކުރުމަށް އައި.އޯ.އެސް 18 ގައި އައު ފީޗާއެއް ތަޢާރަފްކޮށްފައިވާނޭ ކަމަށް ޓެކްރިޕޯޓްތައް ބުނެފިއެވެ.
އެޕަލްގެ އައިފޯން ވަގަށް ނެގުމުގެ ބޭނުން ކުޑަކުރުމަށްޓަކައި އައި.އޯ.އެސް 18 ގައި އައު ފީޗަރެއް ތަޢާރަފުކުރަން އުޅޭކަމަށް ބީޓާ ޕްރޮފައިލްސް އިން ހާމަކޮށްފައިވާއިރު، މި ފީޗާއިން ކުރާ ކަމަކީ އައިފޯނުގެ ވަކވަކި ބައިތައް އެޕަލް އައިޑީއާ ގުޅުވާލުން ކަމަށް އެރިޕޯޓްގައި ބުނެފައިވެއެވެ.
މިގޮތުން އައިފޯނުގެ ބެޓެރި، ކެމެރާ އަދި ޑިސްޕްލޭ ފަދަ ބައިތައް އެޕަލް އައިޑީއާ ގުޅުވާލެވޭނެއެވެ. މީގެ ސަބަބުން ވައްކަންކުރާ ފަރާތްތަކަށް އައިފޯނުގެ ބައިތައް ވަކިކޮށް ވިއްކުމުގެ ފުރުސަތު ވެސް ގެއްލިގެންދާނެއެވެ. މި ފީޗަރ ލިބެން ހުންނާނީ އައިފޯން 12 އަދި އޭގެ ފަހުގެ މޮޑެލްތަކުގައެވެ.
އައިފޯނުގެ ބައިތަކަށް ހުއްދަނެތް ފަރާތަކުން އެކްސެސްވާން މަސައްކަތްކުރާނަމަ، އެ ބައިތަކާ ގުޅިފައިވާ އެޕަލް އައިޑީ ޖަހަން ޖެހޭނެއެވެ. އެޕަލް އައިޑީ ނުޖަހައި ނުވަތަ ލޮކް ނުނައްޓާ އެ ބައިތަކަށް އެކްސެސް ނުވެވޭނެއެވެ.
ނަމަވެސް، މި ފީޗަރ އޮތްކަމުގައި ވިޔަސް އައިފޯނު ބޭނުންކުރެވޭނެއެވެ. އެހެންނަމަވެސް، ސެޓިންގްސްގެ "ޕާޓްސް އެންޑް ސަރވިސް" ސެކްޝަނުން ފޯނުގެ ބައިތަކުގެ ހަޤީޤީ ތާރީޚު ފެންނަން ހުންނާނެއެވެ. އަދި ހުއްދަނެތި ބަދަލުކޮށްފައިވާ ބައިތައް "އަންނޯން ޕާޓް" ގެ ގޮތުގައި ދައްކާނެއެވެ.
މި ފީޗަރގެ ސަބަބުން އައިފޯން ވައްކަންކުރުން މަދުވެ، ތާޑް ޕާޓީ މަރާމާތު ފިހާރަތަކުން ހުއްދަ ނޫން ގޮތުގައި އަސްލު ބައިތައް ބަދަލުކުރުމުގެ ފުރުސަތު ކުޑަވެގެންދާނެކަމަށް ބެލެވެއެވެ. އަދި މިއީ އަމިއްލައަށް މަރާމާތުކުރުމަށް ފަސޭހަވެގެންދާނެ ކަމެއްކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!