އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑް ކުޅުން މެޗުތަކުން މޮޅުވިއިރު، ލިވަޕޫލަށް ސީޒަންގެ ފުރަތަމަ ބައްޔާއި ކުރިމަތިލާން ޖެހިއްޖެއެވެ.

މިއަދު ޔުނައިޓެޑާއި ސައުތެމްޓަން ބައްދަލުކުރި މެޗު، ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލީޑު ނަގަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސައުތެމްޓަންއަށެވެ. މެޗުގެ 33 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކެމެރޮން އާޗާ ފޮނުވާލިއިރު، ޔުނައިޓެޑްގެ ކީޕަރ އޮނާނާ ވަނީ އެ ޕެނަލްޓީ މަތަކޮށްފައެވެ.

Ad
rt

މެޗުގައި ޔުނައިޓެޑަށް ފުރަތަމަ ލަނޑު 35 ވަނަ މިނެޓުގައި ޖަހައިދިނީ ދާދިފަހުން އެ ޓީމާއި ގުޅުނު ޑިފެންޑަރ ޑި ލީޓެވެ. ބްރޫނޯ ފެނާންޑޭޒް ސައުތެމްޓަންގެ އޭރިއާތެރެއަށް މަތިން ކުޅުނު ޑި ލީޓް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. އޭގެ ހަ މިނެޓް ފަހުން ރަޝްފޯޑް ވަނީ ލަނޑުޖަހައި ޔުނައިޓެޑަށް ލީޑު ފުޅާކޮށްދީފައެވެ. ޔުނައިޓެޑްގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ގަނާޗޯއެވެ. މެޗުގެ 79 ވަނަ މިނެޓުގައި ސައުތެމްޓަންގެ ޖެކް ސްޓެފެންސްއަށް ރަތް ކާޑު ދެއްކުމުން މެޗުގެ ފަހުބައި އެ ޓީމުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މިރޭ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ސިޓީން ވަނީ އެ ޓީމްގެ މޮޅުވުމުގެ ސްޓްރީކް ދަމަހައްޓާފައެވެ.

މިރޭ ސިޓީއަށް ދެ ލަނޑު ވެސް ޖަހައިދިނީ ހާލަންޑްއެވެ. ލީގުގައި ހާލަންޑް ކުޅުނު ހަތަރު މެޗުން އޭނާ ވަނީ ނުވަ ލަނޑު ޖަހާފައެވެ. މި މެޗުގައި ބްރެންޓްފޯޑްގެ ހަމައެކަނި ލަނޑު އެއްވަނަ މިނެޓުގައި ޖަހައިދިނީ ވިސާއެވެ.

މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލް ވަނީ ބަލިވެފައެވެ. ލިވަޕޫލާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބު ކޮށްފައި ވަނީ ފޮރެސްޓުންނެވެ. މިއީ ލީގުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. މި މެޗުގައި ފޮރެސްޓްގެ ހަމައެކަނި ލަނޑު 72 ވަނަ މިނެޓުގައި ޖަހައިދިނީ ހަޑްސަން އޮޑޮއީ އެވެ.

މި ނަތީޖާތަކާއިއެކު ކުޅުނު ހަތަރު މެޗުން މޮޅުވެ 12 ޕޮއިންޓް ހޯދައިގެން އެއްވަނާގައި އޮތީ ސިޓީއެވެ. ދެވަނާގައި ލިވަޕޫލް އޮތީ ހަތަރު މެޗުން ލިބުނު 9 ޕޮއިންޓާއި އެކުއެވެ. ޔުނައިޓެޑް މިވަގުތު އޮތީ ތާވަލުގެ 9 ވަނާގައެވެ. ހަތަރު މެޗުން ޔުނައިޓެޑަށް ލިބިފައި ވަނީ 6 ޕޮއިންޓެވެ.