ކޮމޯރޯސްގެ ރައީސް އަޒާލީ އަސޫމާނީއަށް ތޫނު އެއްޗަކުން ހަމަލާއެއް ދީފިއެވެ. ސަރުކާރުގެ ތަރުޖަމާނު ފާތިމާ އަހަމަދާ ވިދާޅުވިގޮތުގައި މިހަމަލާގައި ރައީސަށް ލިބިވަޑައިގެންފައިވަނީ ކުދިކުދި އަނިޔާތަކެކެވެ.

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު މެންދުރުފަހު 2 ޖަހާ އެހާކަށް ހާއިރު، ވެރިރަށް މޮރޯނީގެ އުތުރުގައިވާ ސަލީމާނީ އިޓްސަންދްރާ ރަށުގައި ބޭއްވުނު އެ ގައުމުގެ އިސް ޝައިޚެއްގެ ޖަނާޒާއެއްގައެވެ. މި ހަމަލާއާ ގުޅިގެން އުމުރުން 20 އަހަރުގެ ކުރީގެ ފުލުހެއް ހައްޔަރުކޮށްފައިވާކަމަށް އެ ގައުމުގެ ނޫހަކުން މަޢުލޫމާތު ދީފައިވެއެވެ.

Ad
rt

ރައީސް އަސޫމާނީއަށް ލިބިވަޑައިގެންފައިވާ އަނިޔާތަކަކީ ނުރައްކާތެރި އަނިޔާތަކެއް ނޫންކަމަށާއި، މިހާރު އެމަނިކުފާނު ވަނީ ގެކޮޅަށް ވަޑައިގެންފައިކަމަށް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވިއެވެ. މި ހަމަލާ ދިން ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.

މި އަހަރުގެ މެއި މަހު ރައީސް އަސޫމާނީ ވަނީ ހަތަރުވަނަ ދައުރަކަށް ރައީސްކަމުގެ ހުވާ ކުރައްވާފައެވެ. ނަމަވެސް، ޖެނުއަރީ މަހު ބޭއްވުނު އިންތިޚާބުގައި ވޯޓު އޮޅުވާލުން ހިމެނޭކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އެގައުމުގެ ފުލުހުން ބަލަމުންދާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.