ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒުގެ ފުރަތަމަ ފޮޓޯތައް އުތުރު ކޮރެއާއިން ހާމަކޮށްފިއެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން، އެ ޤައުމުގެ ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒަށް ޒިޔާރަތްކުރި މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް އެ ޤައުމުން ވަނީ ހާމަކޮށްފައެވެ. މިއީ މި މަރުކަޒުގެ ފޮޓޯތައް އާންމުކޮށް ދައްކާލި ފުރަތަމަ ފަހަރެވެ.

Ad
rt

ޕްޔޮންގްޔަންގްގެ ސަރުކާރު ހިންގާ ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ (ކޭސީއެންއޭ) އިން ހުކުރު ދުވަހު ރިޕޯޓުކުރި ގޮތުގައި ކިމް ޖޮންގް އުން ވަނީ ނިއުކްލިއަރ ހަތިޔާރު އުފައްދާ އިންސްޓިޓިއުޓަށާއި "ހަތިޔާރު ފެންވަރުގެ ނިއުކްލިއަރ މެޓީރިއަލް އުފައްދާ މަރުކަޒަށް" ޒިޔާރަތްކޮށްފައެވެ.

ފޮޓޯތަކުގައި ކިމް ޖޮންގް އުން ވަނީ ދިގު ސަފުތަކެއްގައި ބަހައްޓާފައިވާ މެޓަލް ސެންޓްރިފިއުޖްތަކުގެ ދޭތެރޭގައި ހިނގާ އުޅޭ ތަން ފެންނަން ހުއްޓެވެ. ނަމަވެސް އޭނާ މި ތަނަށް ޒިޔާރަތްކުރީ ކޮން ދުވަހެއްގައިކަން ބަޔާންކޮށްފައެއް ނުވެއެވެ.

މި ޒިޔާރަތުގައި، އުތުރު ކޮރެއާގެ ލީޑަރު ވަނީ "އަމިއްލަ ދިފާާޢަށް ބޭނުންވާ ނިއުކްލިއަރ ހަތިޔާރުތައް އެކްސްޕޮނެންޝަލްކޮށް އިތުރުކުރުމަށްޓަކައި ސެންޓްރިފިއުޖްތަކުގެ އަދަދު އިތުރަށް އިތުރުކުރަން ޖެހޭކަން" ފާހަގަކޮށްފައެވެ.

މި މަރުކަޒު ހުރި ތަނެއް ސާފުކޮށް އެނގެން ނެތް ނަމަވެސް، އުތުރު ކޮރެއާގައި ގިނަ ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒުތަކެއް ހުރި ކަމަށް ޤަބޫލުކުރެވެއެވެ. އޭގެ ތެރޭގައި ޔޮންގްބިޔޮން ނިއުކްލިއަރ ސައިޓްގައި ހުރި މަރުކަޒެއްވެސް ހިމެނެއެވެ.

އުތުރު ކޮރެއާއިން މިހާ ތަފްސީލުކޮށް އެ ޤައުމުގެ ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒުގެ "އެތެރޭގެ މަސައްކަތްތައް" ހާމަކުރީ މިއީ ފުރަތަމަ ފަހަރު ކަމަށް އަލްޖަޒީރާގެ ނޫސްވެރިޔާ ރޮބް މެކްބްރައިޑް ބުނެފައިވެއެވެ.

އިންޓަނޭޝަނަލް ގާނޫނުތަކާއި ދެކުނު ކޮރެއާގެ އިއުތިރާޒުތަކާ ދެކޮޅަށް އުތުރު ކޮރެއާއިން ނިއުކްލިއަރ ހަތިޔާރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަން މި މަންޒަރުތަކުން ހާމަކޮށްދެއެވެ.