ނ. ވެލިދޫގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް ދޮޅުކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 6 މީހުން ބަންދުކޮށްފި އެވެ.

ފުލުހުންގެ މަޢުލޫމާތު ދިނުމުގައިވާ ގޮތުން، ނ. ވެލިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓް، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

Ad
rt

މި މަހުގެ 12 ވަނަ ދުވަހު ހިންގުނު މި އޮޕަރޭޝަނުގައި، ވެލިދޫގެ ބައެއް ގެތައް ބަލައި ފާސްކުރިއެވެ. މި ބަލައި ފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ 1547.44 ގްރާމުގެ އެއްޗެހި ފެނުނު ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން، 50,000 ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ ދިވެހި ފައިސާއާއި އެމެރިކާ ޑޮލަރުވެސް ފެނިފައިވާ ކަމަށް ބުނެއެވެ.

އޮޕަރޭޝަނުގައި ހައްޔަރުކުރެވުނު 7 މީހުންގެ ތެރެއިން 6 މީހުން ވަނީ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައެވެ. މީގެ ތެރެއިން އަޙްމަދު މުރުޝިދު (35 އަހަރު) 8 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އަނެއް 5 މީހުން 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. 5 ދުވަހަށް ބަންދުކުރެވުނު މީހުންގެ ތެރޭގައި ޢަބްދުﷲ ނިޝާދު (26 އަހަރު)، އަޙްމަދު އަޞީމް (26 އަހަރު)، އަޙްމަދު ނައުޝާދު (28 އަހަރު)، ޢަލީ ރަޝީދު (30 އަހަރު) އަދި މުޙައްމަދު މާޢިދު (28 އަހަރު) ހިމެނެއެވެ.

ފުލުހުން މިހާރު ގެންދަނީ މި މައްސަލައިގެ ތަޙްޤީޤު ކުރިއަށެވެ.​​​​​​​​​​​​​​​​