ދުނިޔޭގައި މިހާތަނަށް އުފެއްދި ތިންފަށަށް ފަތްޖަހައިލެވޭ ފުރަތަމަ ފޯނު ވާވޭ އިން ތަޢާރަފްކޮށްފައިވާއިރު، އެ ފޯނު ޗައިނާގައި މަޤްބޫލުވެފައިވީނަމަވެސް އަގުބޮޑުކަމުން ފާޑުކިޔުންތައް އިތުރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ވާވޭއިން އެމީހުންގެ މި އާދަޔާ ޚިލާފު ސްމާޓްފޯނު، "މޭޓް އެކްސްޓީ" ނެރުމާ ގުޅިގެން ޗައިނާގެ ރައްޔިތުންގެ މެދުގައި ޤައުމީ ފަޚުރުވެރިކަން އާލާވެފައިވެއެވެ. މި ފޯނަކީ އެމެރިކާގެ ދަތިކުރުންތަކާ ކުރިމަތިލައި، އެޕަލްއަށްވުރެ އައު އީޖާދުތައް ކުރެވިދާނެކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ މޮޅު އުފެއްދުމެކެވެ.

Ad
rt

މި ފޯނު ނެރުނީ އެޕަލްއިން އައިފޯން 16 ނެރުމާ ދިމާކޮށެވެ. ދެ ފޯނުވެސް ސެޕްޓެމްބަރު 20 ގައި ވިއްކަން ފަށާނެ ނަމަވެސް، މޭޓް އެކްސްޓީ ލިބޭނީ ހަމައެކަނި ޗައިނާގައެވެ. ސޯޝަލް މީޑިއާގައި ވާވޭގެ ފޯނަށް ތަޢުރީފުކުރާ ކޮމެންޓުތައް ގިނަވެފައިވާއިރު، އެޕަލްގެ އައިފޯން 16 ގައި ޗައިނާގެ އޭއައި ޚިދުމަތްތައް ނުހިމެނޭކަން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، މި ފޯނުގެ އަގުބޮޑުކަމާމެދު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 2,800 ޑޮލަރުން ފެށޭ މި ފޯނަކީ އާންމު ރައްޔިތުންނަށް ގަންނަން ޖެހިލުންވާ ވަރުގެ އަގުބޮޑު ފޯނެއްކަމަށް ބުނެއެވެ. ވީބޯގައި ކުރެވުނު ސާވޭއެއްގައި 9,200 މީހުންގެ ތެރެއިން މި ފޯނު ގަންނަން ގަސްދުކުރީ އެންމެ 966 މީހުން ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައި ވެއެވެ.