އެޕަލްއިން އައު އައިފޯން 16 ސީރީޒް އިއްޔެ ތަޢާރަފުކޮށްފައިވާއިރު، މި ފޯނުތަކުގެ ޔޫއެސްބީ ސްޕީޑާ ގުޅޭ ގޮތުން އޮޅުންއަރާފަދަ މަޢުލޫމާތެއް ދީފައިވާ ކަމަށް ޓެކް ރިޕޯޓްތަކުން ބުނެފިއެވެ.
އެޕަލްއިން ބުނެފައިވަނީ އައު ފޯނުތަކުގައި "އަވަސް ޔޫއެސްބީ 3 ސްޕީޑް" ހުންނާނެ ކަމަށެވެ. ނަމަވެސް މި ފޯނުތަކުގެ ޓެކްނިކަލް ސްޕެސިފިކޭޝަންތަކަށް ބަލާއިރު، އައިފޯން 16 އާއި 16 ޕްލަސްގައި ޔޫއެސްބީ 2 ސްޕީޑް 480 Mbps އަދި އައިފޯން 16 ޕްރޯ އާއި 16 ޕްރޯ މެކްސްގައި ޔޫއެސްބީ 3 ސްޕީޑް ހުރީ 10 Gbps ގައެވެ.
މި ސްޕީޑްތަކަކީ ކުރީގެ އައިފޯން 15 ސީރީޒްގައިވެސް ހުރި ސްޕީޑްތަކެވެ. އެހެންކަމުން، ޔޫއެސްބީ ސްޕީޑްގައި އެއްވެސް ކުރިއެރުމެއް ނެތް ކަމަށް ބެލެވެއެވެ.
އައިފޯން 16 ޕްރޯ މޮޑެލްތަކުގައި 10 Gbps ސްޕީޑް ލިބުމަށް ޚާއްޞަ ޔޫއެސްބީ-ސީ ކޭބަލެއް ވަކިން ގަންނަން ޖެހޭނެއެވެ.
ޔޫއެސްބީ ސްޕީޑްގައި ތަފާތު ނެތްކަމުގައިވިޔަސް އައިފޯން 16 ޕްރޯ އަދި 16 ޕްރޯ މެކްސްގެ ސްކްރީނުގެ ސައިޒްވަނީ ކުރީގެ ފޯނުތަކަށްވުރެ ކުޑަތަންކޮޅެއް ބޮޑު ކޮށްލާފައެވެ. އެގޮތުން އައިފޯން 16 ޕްރޯއާއި، ޕްރޯމެކްސްގެ ސައިޒަކީ 6.3 އިންޗި އަދި 6.9 އިންޗިއެވެ. މީގެ އިތުރުން، މި ފޯނުތަކުގެ ސްކްރީންގައި 120Hz ރިފްރެޝް ރޭޓް އަދި 2,000 ނިޓްސްގެ ޕީކް ބްރައިޓްނެސް ހުންނާނެއެވެ. މި ފީޗަރތަކަކީ އައު އައިފޯނުތަކުގައި ހިމެނޭ މުހިންމު ކުރިއެރުންތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!