ފްރާންސްގެ އެކަހެރި ހިސާބެއްގައި އޮންނަ މަޒަން ކިޔާ ރަށުގައި ހިނގި ބޮޑު ރޭޕްގެ މައްސަލައިގެ ޝަރީޢަތް ފެށިއްޖެއެވެ.

ފްރާންސްގެ މަޒަން ރަށުގައި ހިނގި މި ބޮޑު ރޭޕް މައްސަލައިގެ ޝަރީޢަތް އިއްޔެ އެވިނިއޯން ކޯޓުގައި ފެށިފައިވާއިރު، މި މައްސަލައިގައި 51 މީހެއްގެ މައްޗަށް ދަޢުވާ އުފުލިފައިވެއެވެ.

Ad
rt

މި މައްސަލައިގެ މައިގަނޑު ތުހުމަތުކުރެވޭ ފަރާތަކީ ރޭޕްގެ ޝިކާރައަކަށްވި އަންހެންމީހާގެ ފިރިމީހާ ޑޮމިނިކް ޕެލިކޯއެވެ. އޭނާގެ އަނބިމީހާ ޖިސެލްގެ ކެއުމުގައި ޑްރަގް ލައިގެން އޭނާ ނިންދާފައި، އެހެން ފިރިހެނުން ގެނެސް އޭނާއާ ގަދަކަމުން ޖިންސީ ގުޅުން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވެއެވެ. މީގެ އިތުރުން، މި ޢަމަލުތައް ވީޑިއޯ ކުރަމުން ގެންގޮސްފައިވާ ކަމަށްވެސް ބެލެވެއެވެ.

ޢުމުރުން 72 އަހަރުގެ ޖިސެލް ޕެލިކޯ ވަނީ މި މައްސަލައިގައި އޭނާގެ އައިޑެންޓިޓީ ހާމަކުރުމަށް ނިންމާފައެވެ. އޭނާ ބުނާ ގޮތުގައި މިއީ އަންހެނުންނަށް ކުރިމަތިވާ ނުރައްކަލަކަށް ސަމާލުކަން ގެނައުމަށް ކުރާ ކަމެކެވެ.

މި މައްސަލައިގެ ސަބަބުން މަޒަން ރަށުގެ އިޖްތިމާޢީ ގުޅުންތަކަށް ބޮޑު އަސަރެއް ކޮށްފައިވާކަން ފާހަގަކުރެވެއެވެ. ދަޢުވާ ލިބޭ ފަރާތްތަކުގެ ނަންތައް ސޯޝަލް މީޑިއާގައި ހާމަވެފައިވުމާ ގުޅިގެން އެ ފަރާތްތަކާއި އެމީހުންގެ އާއިލާތަކަށް ފުރައްސާރަކުރެވެމުންދާ ކަމަށް ވަނީ ކޯޓުގައި ޝަކުވާ ހުށަހަޅާފައެވެ.

ފުލުހުން ބުނާ ގޮތުގައި މި މައްސަލައިގައި އަދިވެސް 30 މީހަކު ދަނީ ހޯދަމުންނެވެ. މިކަމުގެ ސަބަބުން ރަށުގެ މީހުންގެ މެދުގައި ވަނީ ބިރުވެރިކަމެއް އުފެދިފައެވެ. މި މައްސަލަ ޝަރީޢަތުގައި ކުރިއަށްދާއިރު، އިތުރު ތަފްސީލުތައް ހާމަވަމުންދާނެ ކަމަށް ބެލެވެއެވެ.