ޣައްޒާގައި ޕޯލިއޯ ވެކްސިން ދިނުމުގެ ކެމްޕޭނުގައި ބައިވެރިވި އދ. ގެ ޓީމް އިސްރާއީލް ސިފައިން ހުއްޓުވައިފިއެވެ.
މި ހާދިސާގައި އދ. ގެ ދެ މުވައްޒަފަކު ބަންދުކޮށް ސުވާލުކުރުމަށްފަހު، އެ ޓީމްގެ އުޅަނދުތަކަށް ބުލްޑޯޒަރު ބޭނުންކޮށްގެން ގެއްލުން ދީފައިވާ ކަމަށް އދ. އިން ބުނެފައިވެއެވެ.
އަލް ރަޝީދު ޗެކްޕޮއިންޓްގައި ހިނގި މި ހާދިސާގައި އދ. ގެ މުވައްޒަފުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް އދ. ގެ ފަލަސްޠީނުގެ ހިއުމެނިޓޭރިއަން ކޯޑިނޭޓަރު މުހަންނަދު ހާދީ ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި 12 މުވައްޒަފުން ހިމެނޭ މި ޓީމްގެ ދަތުރުގެ މަޢުލޫމާތު ކުރިން އިސްރާއީލީ ސިފައިންނަށް ދީފައިވީ ނަމަވެސް، މި ހާދިސާ ހިނގާފައިވެއެވެ.
ހާދީ ވިދާޅުވި ގޮތުގައި، ސިފައިން ވަނީ ޓީމްގެ މުވައްޒަފުންނަށް ބިރުދައްކާ ބުލްޑޯޒަރުތައް ގެނެސް، އދ. ގެ އުޅަނދުތަކަށް ގެއްލުންދީފައެވެ. އަދި މި ހާދިސާގައި ބަޑިޖަހާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަތް ގަޑިއިރާއި 30 މިނެޓަށްވުރެ ގިނަ އިރު މި ޓީމް ހިފަހައްޓާފައި ބޭއްވުމަށްފަހު، އޭގެ މަޤްޞަދު ހާސިލުނުވެ އަނބުރާ ދާންޖެހިފައިވާ ކަމަށް އދ. އިން ބުނެފައިވެއެވެ.
އިސްރާއީލް ސިފައިން ބުނެފައިވަނީ، ވެކްސިން ޓީމްގައި "ޝައްކުކުރެވޭ ފަރާތްތަކެއް" ތިބިކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން މި ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި މި ޓީމްގައި ޕޯލިއޯ ވެކްސިން އުފުލާފައި ނުވާ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.
އދ. ގެ އޭޖެންސީ އަންރުވާގެ ވެރިޔާ ފިލިޕް ލަޒަރީނީ ވިދާޅުވެފައިވަނީ މިފަދަ ހާދިސާތައް ތަކުރާރުވަމުންދާ ކަމަށާއި، އދ. ގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވަމުންދާ ކަމަށެވެ. އަދި މިފަދަ ހާދިސާތަކުގެ ސަބަބުން އިންސާނީ އެހީގެ މަސައްކަތަށް ހުރަސްއެޅެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!