ޕާކިސްތާނުގައި ޢިމްރާން ޚާންގެ ޕާޓީގެ ގިނަ މަޖިލިސް މެންބަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޕާޓީގެ ގިނަ މަޖިލިސް މެންބަރުންތަކެއް ހައްޔަރުކުރީ ޚާން ދޫކޮށްލުމަށް އެދި، އޭނާގެ ޕާޓީއިން އިސްލާމާބާދުގައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާއަކަށް ފަހުގައެވެ. އެންމެ ދުވަހެއްގެ ތެރޭގައި، އެ ޕާޓީގެ ގިނަ މެންބަރުންތަކެއް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ހައްޔަރުކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ ފުލުހުން ހިންގި ޚާއްޞަ ރެއިޑް ތަކެއްގެ ތެރެއިންނެވެ.

Ad
rt

ޢިމްރާން ޚާންގެ ޕާކިސްތާން ތެހްރީކް-އެ-އިންސާފް (ޕީޓީއައި) ޕާޓީން ބުނާ ގޮތުގައި އިސްލާމާބާދުގައި އެ ޕާޓީގެ ގާތްގަނޑަކަށް 12 ޕާލިމެންޓޭރިއަނުން ހައްޔަރުކޮށްފައިވެއެވެ. އަދި އިތުރު ބައެއް މެންބަރުން ފުލުހުންގެ ކިބައިން ސަލާމަތްވުމަށް ޕާލިމެންޓުގައި ނުނިކުމެ ތިބިކަމަށްވެސް ބުނެފައިވެއެވެ.

ޕީޓީއައިގެ މެންބަރުން ޤައުމީ އެސެމްބްލީގެ ޖަލްސާގައި މި މައްސަލައާމެދު އިހުތިޖާޖުކޮށް، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުން ޕާލިމެންޓުގެ ސަރަޙައްދަށް ވަނުމަކީ ޣައިރު ޤާނޫނީ ކަމެއްކަމަށް ބުނެ އެކަމާމެދު ފިޔަވަޅު އެޅުމަށް ގޮވާލާފައިވެއެވެ.

ޢިމްރާން ޚާންގެ އެހީތެރިއެއް ކަމަށްވާ ޒުލްފިކާރު ބުޚާރީ ބުނާ ގޮތުގައި، އިއްޔެ ބޭއްވުނު ބޮޑު މުޒާހަރާއިން ސަރުކާރަށް ބިރުވެރިކަން ވަނީ އިހުސާސްކުރެވިފައެވެ. އަދި މި ހައްޔަރުކުރުންތަކަކީ ޣައިރު ޤާނޫނީ ކަމެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ކުރީގެ ކްރިކެޓް ތަރި ޢިމްރާން ޚާންގެ ވެރިކަން 2022 ގައި ވައްޓާލުމަށްފަހު، އޭނާވަނީ އެއް އަހަރަށްވުރެ ގިނަ ދުވަސްވަންދެން ޖަލުގައި ބަންދުކޮށްފައެވެ. އޭނާގެ ވެރިކަން ވައްޓާލެވުނީ ސިފައިންގެ އިސްވެރިންނާ ދެމެދު އޮތް ގުޅުން ގޯސްވުމާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން، އިޤްތިޞާދީގޮތުން ނާޒުކު ހާލަތެއްގައިވާ 241 މިލިއަން މީހުންގެ އާބާދީ އޮތް ޕާކިސްތާނުގައި މިހާތަނަށް އުފެދުނު އެންމެ ނުރައްކާތެރި ސިޔާސީ ހަލަބޮލިކަން އުފެދިފައިވެއެވެ.