އިސްރާއީލުން ޣައްޒާގައި ކުރިއަށްގެންދާ ހަނގުރާމައިގެ ސަބަބުން އެ ޤައުމުގެ ބަޖެޓް ދަރަނި އަހަރުގެ ފެށުނީއްސުރެ އިންތިހާއަށް އިތުރުވަމުންދާކަމަށް އިސްރާއީލުން ހާމަކޮށްފިއެވެ.

އިސްރާއީލުގެ މާލީ ވުޒާރާއިން އާދީއްތަ ދުވަހު ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ އޯގަސްޓް މަހު ބަޖެބަޖެޓް ދަރަނި ޖީޑީޕީގެ ނިސްބަތުން -8.3 އިންސައްތައަށް އަރާފައިވެއެވެ. މިއީ ޖޫން މަހު -7.6 އިންސައްތައިގައި ހުރި ނިސްބަތް އިތުރުވެފައިވާ މިންވަރެވެ.

Ad
rt

މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޯގަސްޓް މަހާ ހަމައަށް އިސްރާއީލުގެ ބަޖެޓް ދަރަނި 84 ބިލިއަން ޝެކެލް (22.38 ބިލިއަން ޑޮލަރު) އަށް އަރާފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 0.3 ބިލިއަން ޝެކެލް (79.9 މިލިއަން ޑޮލަރު) ގެ އިތުރު ވުމެއް ވަނީ ރެކޯޑުކޮށްފައެވެ.

އިސްރާއީލުގެ ޚަރަދުތައް މިދިޔަ އަހަރާ އަޅާބަލާއިރު 31.8 އިންސައްތަ އިތުރުވެފައިވާއިރު، އާމްދަނީ އިތުރުވެފައިވަނީ އެންމެ 4 އިންސައްތައެވެ. އޯގަސްޓް މަހު އެކަނި ވެސް ބަޖެޓް ދަރަނި 12.1 ބިލިއަން ޝެކެލް (3.22 ބިލިއަން ޑޮލަރު) އަށް އަރާފައިވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުތަކުގެ ސަބަބުން މިހާތަނަށް 41,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާކަމަށް ގައްޒާގެ ސިއްޙީ އިދާރާތަކުން ބުނެއެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވަންދެން ކުރިއަށްދާ މި ހަމަލާތަކަކީ ބަޖެޓުން ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމެއްގެ އިތުރުން، އިސްރާއީލުގެ އިޤްތިޞާދަށް ނޭދެވޭ އަސަރުކުރާ ކަމެއްކަމަށް ފާހަގަކުރެވެއެވެ. ސަރުކާރުގެ އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި މި ހަމަލާތަކަކީ ބެންޖަމިން ނެތަންޔާހޫގެ ސިޔާސީ ދެމިހުރުން ކަށަވަރުކުރުމަށް ކުރާ ކަމެކެވެ.