މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތް އިތުރަށް ފުޅާކޮށް، ޚާއްޞަ މަސައްކަތްތަކެއް ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި މާލެއާއި ހުޅުމާލޭގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރިތަނަކަށް ހެދުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

Ad
rt

ރައީސުް ޑރ. މުޙައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުފުޅުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން، މާލެއާއި ހުޅުމާލޭގެ މަގުތައް ބެލެހެއްޓުން ފުޅާކޮށް ފުލުހުން އިތުރަށް ހަރަކާތްތެރިވަމުން ގެންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޚާއްޞަގޮތެއްގައި ކާރުބާރު ބޮޑުވާ މަގުތައް ބެލެހެއްޓުމުގައި އިތުރަށް ސަމާލުވެ، ފުލުހުންގެ ދައުރު ފުޅާކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިގޮތުން މާލެ ސަރަހައްދުން ޚާއްޞަގޮތެއްގައި ފުލުހުން ބަލަހައްޓާނެ ތަންތަން

  • މާލެ ބޮޑުތަކުރުފާނުމަގު،
  • މަޖީދީމަގު،
  • މާރުކޭޓު ސަރަހައްދު،
  • ސްކޫލުތައް ހިމެނޭ މަގުތައް،
  • ހަތަރުއަނގޮޅި ހިމެނޭ ބޮޑެތި މަގުތައް
  • މާލެއާއި ހުޅުމާލެ ބްރިޖުު ފެށޭ އަދި ނިމޭ ހިސާބު
  • އެއާޕޯޓު ޓްރެފިކް ލައިޓު ކައިރި
  • ހުޅުމާލެ ސެންޓްރަލް ޕާކު ހިމެނޭ ސަރަހައްދު
  • ހުޅުމާލެ ސްކޫލުތައް ހިމެނޭ ސަރަހައްދުތައް

ފުލުހުން ބުނީ މިތަންތަނުގެ އިތުރުން އެހެނިހެން ހިސާބުތަކުގައި ވެސް މަގުތައް ތަރުތީބުކުރުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.

''މިގޮތަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން މަގުމަތީގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުން ގެންދާނެ'' ފުލުހުން ބުނެފަވެއެވެ.

މި މަސައްކަތުގެ ދަށުން ސަމާލުކަން ދިނުމަށް އާންމުނަށް ފުލުހުން އިރުޝާދު ދެމުންގެންދާނެ ކަންކަން

  • އުޅަނދު ދުއްވަން އެރުމުގެ ކުރިން ރައްކާތެރި ކަމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކަން ޔަގީން ކުރުން
  • ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށްވުރެ ބާރަށް ނުދުއްވުން
  • ޓްރެފިކް ނިޝާންތަކަށް ސަމާލުވުން
  • ރައްކާތެރި ހެލްމެޓް އަޅުއްވައި ހެލްމެޓްގެ ބަކުލް އަޅުއްވާ ބާރުކުރެއްވުން
  • 30 ކިލޯ މީޓަރަށްވުރެ ބާރަށް ދުއްވޭ ސަރަހައްދު ތަކުގައި 4 ފުރޮޅުލީ އުޅަނދު ދުއްވާއިރު ސީޓްބެލްޓް އެޅުއްވުން
  • އުޅަނދު ދުއްވާއިރު މޯބައިލް ފޯނު ބޭނުން ނުކުރެއްވުން
  • ކުޑަކުދިން 4 ފުރޮޅުލީ އުޅަނދުގައި ގެންދާއިރު އެކުދިންނަށް ހާއްސަ ގޮނޑި ބޭނުން ކުރެއްވުން
  • އުޅަނދުތަކުގައި މުދާ އުފުލާއިރު ރައްކާތެރިކަމަށް އިސްކަންދެއްވުން

ފުލުހުން ބުނީ، މިނޫނަސް ރައްކާތެރިކަމުގެ ގޮތުން ސަމާލުކަންދޭންވީ ކަންކަން ފުލުހުން އާންމުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތް އިތުރަށް ފުޅާކޮށް، ޚާއްޞަ މަސައްކަތްތަކެއް ފަށާފައި މިވަނީ މިފަހުން މާލެ ސަރަހައްދުގައި ބޮޑެތި ނުރައްކާތެރި އެކްސިޑެންޓްތަކެއް ފުލުފުލުގައި ހިނގައި ފުރާނަތަކެއް ވެސް ގެއްލިފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ރައްޔިތުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ.