މޯލްޑިވްސް އިމިގްރޭޝަންގެ ނަމުގައި ވަޓްސްއެޕް މެދުވެރިކޮށް އޮޅުވާލައިގެން ވީޑިއޯ ކޯލްތަކެއް ކުރަމުންދާ މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން އާންމުންގެ ސަމާލުކަމަށް ގެނައުމަށްޓަކައި އިމިގްރޭޝަނުން ވަނީ މީސްމީޑިޔާގައި ޕޯސްޓެއް ކޮށްފައެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، މި ވީޑިއޯ ކޯލްތައް ކުރަމުން އަންނަނީ ރާއްޖެއިން ބޭރުގެ ނަންބަރުތަކަކުންނެވެ. މި ކޯލްތަކުގައި ބައިވެރިވާ ފަރާތްތަކުން އަޅަނީ އިމިގްރޭޝަންގެ ޔުނިފޯމާ އެއްވައްތަރުގެ ހެދުމެކެވެ. މިކަމަކީ އެއްވެސް ހާލެއްގައި އިމިގްރޭޝަން އޮފިސަރުންގެ ޢަމަލެއް ނޫންކަން އެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ސްކޭމް ކޯލްތަކުގެ މަޤްޞަދަކީ އާންމުންގެ އަތުން އެމީހުންގެ ޒާތީ މަޢުލޫމާތާއި ބޭންކު ކާޑުގެ މަޢުލޫމާތު ހޯދުން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. މިފަދަ ސްކޭމް ކޯލްތަކަށް ސަމާލުވުމަށް އެންމެހައި ފަރާތްތަކަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
އާންމުންނަށް އަމާޒުކޮށްގެން ހިންގާ މިފަދަ މަކަރުވެރި ޢަމަލުތަކުން ރައްކާތެރިވުމަށް އިތުރު ސަމާލުކަމެއް ދިނުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ޝައްކުވާ ކޯލްތަކާ ކުރިމަތިވާ ފަރާތްތަކުން އެކަން ކަމާބެހޭ އިދާރާތަކަށް ވަގުތުން އެންގުމަށްވެސް އިރުޝާދު ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!