ނަތީޖާ އިއުލާން ކުރުމުގައި އޮޅުވާލުންތަކެއް ހިނގައި ފިޖީގެ މިސް ޔުނިވަރސް މުބާރާތް ހޫނުވެއްޖެއެވެ.

ފިޖީގެ ޕާރލް ރިސޯޓް އެންޑް ސްޕާގައި ބޭއްވުނު މިސް ޔުނިވަރސް ފިޖީ މުބާރާތް ނިމުމަކަށް އައިސް، އެއްވަނައަށް އައި ފަރާތް އިއުލާންކޮށްފައިވަނިކޮށް އެނަތީޖާއަށް މިވަނީ ކުއްލިއަކަށް ބޮޑު ބަދަލެއް އައިސް އެމަޤާމް އެހެން ބައިވެރިއަކަށް ދީފައެވެ.

Ad
rt

24 އަހަރުގެ އެމްބީއޭ ދަރިވަރު މަންޝިކާ ޕްރަސާދު މުބާރާތުގެ އެއްވަނައަށް ހޮވި، އިއުލާންވެސް ކޮށްފައި ވަނިކޮށް، އޭގެ ފަހުން މިސް ޔުނިވަރސް ފިޖީ (އެމްޔޫއެފް) އިން ނެރުނު ނޫސްބަޔާނެއްގައި ވަނީ އުސޫލުތަކާ ޚިލާފު ކަމެއް ހިނގައިފައިވާ ކަމަށާއި، އަލުން އިސްލާހުކުރެވިފައިވާ ނަތީޖާއެއް ނެރޭނެ ކަމަށް ބުނެފައެވެ.

މި ބަޔާނާ ގުޅިގެން މަންޝިކާއަށް އެންގުނީ ނޮވެމްބަރު މަހު މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މިސް ޔުނިވަރސް މުބާރާތުގައި ފިޖީ ތަމްސީލް ކުރާނީ އޭނާ ނޫން ކަމެވެ. އޭނާގެ ބަދަލުގައި މުބާރާތުގައި ބައިވެރިވާނީ ދެވަނައަށް ހޮވުނު، 30 އަހަރުގެ ނަދީން ރޮބަޓްސް ކަން އެންގުނެވެ. ނަދީންއަކީ ސިޑްނީގައި ދިރިއުޅޭ މޮޑެލެއް އަދި ޕްރޮޕަޓީ ޑިވެލޮޕަރެކެވެ. އޭނާގެ މަންމައަކީ ފިޖީ މީހެކެވެ.

އެމްޔޫއެފްގެ ބަޔާނުގައި ބުނެފައިވަނީ ރަނގަޅު އިޖުރާއަތުތައް ނުހިންގާ ކަމަށާއި، މުބާރާތް ހިންގި ފަރާތަށް މާލީ ފައިދާއެއް ހޯދުމަށްޓަކައި "ފިޖީ އިންޑިއަން" ވާދަވެރިޔަކު ކާމިޔާބުކުރުމަށް ވޯޓު ދިނުމުގައި މަކަރު ހަދާފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ކުރިން އެމަޤާމަށް ހޮވުނު މަންޝިކާ ވަނީ ސޯޝަލް މީޑިއާއިން ވަގުތީ ގޮތުން އެކަހެރި ވެފައެވެ. އަދި އާންމުންނަށް ނޭނގޭ ވަރަށް ގިނަ ކަންތައްތަކެއް ހުރި ކަމަށް އޭނާ ވަނީ އިންޒާރުދީފައިވެއެވެ.

އަލަށް ހޮވުނު ފިޖީގެ މިސް ޔުނިވާސް ނަދީން ވަނީ އިންސްޓަގްރާމްގައި މިކަމުގެ އަސަރު އަހަރުމެން އެންމެންނަށްވެސް ކުރާނެ ކަމަށް ބުނެ، އެމްޔޫއެފްއިން އަވަސް ފިޔަވަޅު އެޅި ކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.

ނަމަވެސް މުބާރާތުގައި ބައިވެރިވި ފަރާތްތަކުން ބުނާ ގޮތުގައި މިކަމުގައި ގިނަ ކަންތައްތަކެއް ވަނީ ސާފުނުވެއެވެ. އަދި އެކަންކަމާމެދު ހިތްހަމަނުޖެހޭ ކަމަށް ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އިތުރު ތަޙުޤީޤުތައް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.