ރޭންސަމްވެއަރ ހަމަލާތައް މެދުވެރިކޮށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފޭރުނު ފައިސާގެ އަދަދު މިއަހަރުގެ މިހާތަނަށް 1.5 މިލިއަން ޑޮލަރަށް އަރައިފިއެވެ.

ސައިބަރ ސެކިއުރިޓީ ކުންފުނި ޒްސްކޭލަރއިން ކުރި ދިރާސާއަކުން ދައްކާގޮތުގައި ރޭންސަމްވެއަރ ހަމަލާތައް މެދުވެރިކޮށް ފޭރޭ ފައިސާގެ އަދަދު މިއަހަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވެއެވެ. މިގޮތުން މިއަހަރުގެ އެވަރެޖް އަދަދަކީ 1.5 މިލިއަން އެމެރިކާ ޑޮލަރެވެ.

Ad
rt

ރޭންސަމްވެއަރއަކީ ހަމަލާ ދެވޭ ސިސްޓަމުގައި ހުންނަ ފައިލުތައް އެންކްރިޕްޓްކޮށް، އޭގެ ވެރިފަރާތަށް ބޭނުންނުކުރެވޭ ގޮތް ހަދާ މެލްވެއަރއެކެވެ. މިގޮތަށް ހަމަލާދޭ ފަރާތުން ފައިލުތައް އަލުން ބޭނުންކުރެވޭގޮތް ހެދުމަށް ފައިސާ ދެއްކުމަށް އެދެއެވެ. ގިނަފަހަރު މި ފައިސާ ދެއްކުމަށް އެދެނީ ބިޓްކޮއިން ފަދަ ކްރިޕްޓޯކަރަންސީ މެދުވެރިކޮށެވެ.

ޒްސްކޭލަރގެ ދިރާސާއިން ދައްކާގޮތުގައި ރޭންސަމްވެއަރ ހަމަލާތައް މިއަހަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވެއެވެ. އަދި މިއަހަރަކީ ރޭންސަމްވެއަރ ހަމަލާތަކަށް ފައިސާ ދެއްކުމުގައި ރެކޯޑު އަހަރަކަށް ވާނެ ކަމަށް ލަފާކުރެވެއެވެ.

ރޭންސަމްވެއަރ ހަމަލާތަކުގެ އަމާޒަކަށް ގިނައިން ވަނީ މުހިންމު މަޢުލޫމާތުތަކަށް ވަގުތުން އެކްސެސް ބޭނުންވާ ތަންތަނެވެ. މިގޮތުން ހޮސްޕިޓަލްތަކާއި މުނިސިޕަލް އިދާރާތައް ފަދަ ތަންތަނަށް މިފަދަ ހަމަލާތައް އަމާޒުވާ މިންވަރު ބޮޑެވެ.

މި ހާލަތުގައި، އިދާރާތަކުން އެމީހުންގެ ޑޭޓާ ރައްކާތެރިކުރުމަށާއި، ރޭންސަމްވެއަރ ހަމަލާތަކުން ސަލާމަތްވުމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭކަން ފާހަގަކުރެވެއެވެ.