ރަޝިޔާއިން ޔުކްރެއިނަށް ދޭ ހަމަލާތަކުގައި އީރާނުގެ މިސައިލްތައް ބޭނުންކުރަމުންދާކަމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

އިޓަލީގެ މީޑިއާތަކުން ހުކުރު ދުވަހުގެ ރޭ ރިޕޯޓުކުރި ގޮތުގައި، މި ވާހަކަ ޒެލެންސްކީ ދައްކަވާފައިވަނީ އިޓަލީގެ އުތުރުގައި އޮންނަ ޗެރްނޮބިއޯ ރަށުގައި ބޭއްވުނު ދަ ޔޫރަޕިއަން ހައުސް - އެމްބްރޮސެޓީ ކޮންފަރެންސްގެ ފުރަތަމަ ދުވަހުގެ ޖަލްސާގައެވެ.

Ad
rt

"ޕުޓިން މަސައްކަތްކުރަނީ އިތުރު މިސައިލް ހަމަލާތައްދީ، އިތުރު ކުޑަކުދިން މަރާލުމަށް. އަހަރެމެން ވީހާވެސް ރަނގަޅަށް ދިފާޢުވާން މަސައްކަތްކުރަން. އެކަމަކު އެމީހުން އީރާނުން ލިބޭ ބެލިސްޓިކް މިސައިލްތަކުން ވެސް ހަމަލާދޭ،" ޒެލެންސްކީ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން، ޒެލެންސްކީ ވިދާޅުވީ ޕުޓިން ބޭނުންވަނީ ޔުކްރެއިން ފުނޑާލުމަށް ކަމަށާއި، މި ހާލަތުގައި ދެ ފަރާތުގެ ދެމެދުގައި މަޝްވަރާއެއް ފެށިދާނެ ގޮތެއް ނުފެންނަ ކަމަށެވެ. އަދި މުސްތަޤުބަލުގައި މަޝްވަރާތަކެއް ކުރާނަމަ، ޔުކްރެއިން ވާންޖެހޭނީ ބާރުގަދަ ފަރާތަކަށް ކަމަށާއި، އެކަމަށް ހަމްދަރުދީވާ ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔުކްރެއިނަށް އިޓަލީން ދޭ އެހީތެރިކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން، ޒެލެންސްކީ ވިދާޅުވީ "އިޓަލީން ހުރިހާ ކަމެއް ކުރަމުންދޭ. އެ ޤައުމު ވަނީ އަހަރެމެންނާ އެކު ސުލްހައިގެ ފޯމިއުލާ ކުރިއަށް ގެންދިއުމުގައި. ކީވްއިން އެދެނީ އިޓަލީ އާ އެއްވަރަށް އެހީ ނުވެނުކަމުގައި ވިޔަސް އެހެން ޤައުމުތަކުން ވެސް ޔޫކްރެއިންގެ ދިފާޢުގައި ކޮންމެވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް" ކަމަށެވެ.