ޣައްޒާގެ އުތުރުގައި ހުރި ޙަލީމާ އައްސަޢުދިއްޔާ ސްކޫލުގެ ގޯތިތެރޭގައި ޖަހާފައިހުރި ޓެންޓު ހިޔާވަހިކަމަށް އިސްރާއީލުން ހަމަލާދީ ފަލަސްތީނުގެ 8 މީހުން ޝަހީދުކޮށްލައިފިއެވެ.

މީގެ އިތުރުން މެދު ޣައްޒާގެ ނުސައިރާތު ރެފިއުޖީ ކޭމްޕަށް ދިން ޙަމަލާއެއްގައި ވެސް އިތުރު 5 މީހުން ވަނީ ޝަހީދުވެފައެވެ.

Ad
rt

ހުކުރު ދުވަހު ޣައްޒާގެ އެކި ސަރަޙައްދުތަކަށް އިސްރާއީލުން ދިން ވައިގެ ޙަމަލާތަކުގައި ފަލަސްތީނުގެ މަދުވެގެން 33 މީހުން ޝަހީދުވިކަމަށް ޞިއްޙީ ވަސީލަތްތަކުން މަޢުލޫމާތު ދެއެވެ.

ހަމަ މިއާއެކު، ބައިތުލް މަޤުދިސްގެ ބައިތާ ސަރަޙައްދުގައި އިސްރާއީލުގެ ޣައިރު ޤާނޫނީ އާބާދީތަކާ ދެކޮޅަށް ބޭއްވުނު މުޒާހަރާއެއްގައި ތުރުކީ-އެމެރިކާގެ އެކްޓިވިސްޓް އައިސެނޫރު އެޒްގީ އެއިގީ (26 އަހަރު) އިސްރާއީލުގެ ސިފައިން "މަރާލި" ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އިސްރާއީލުގެ ސިފައިން ބައިތުލް މަޤުދިސްގައި ޝަހީދުކުރި ފަލަސްޠީނު މީހުންގެ ތެރޭގައި 13 އަހަރުގެ ބަނާ އަމްޖަދު ބަކުރު ހިމެނޭކަމަށް ވަފާ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 40,878 މީހުން ޝަހީދުވެ، 94,454 މީހުންނަށް އަނިޔާވެފައިވެއެވެ.