ގޫގުލްގެ ސާރޗް އިންޖީނުގެ މޮނޮޕޮލީ ނިމުމަކަށް ގެނައުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ އައުޓްލައިނެއް މިއަހަރުގެ ޑިސެމްބަރު މަހު ހުށަހަޅާނެ ކަމަށް އެމެރިކާގެ އިންސާފުގެ ވުޒާރާއިން ބުނެފިއެވެ. މިކަން އެ ވުޒާރާއިން ހާމަކޮށްފައިވަނީ ހުކުރު ދުވަހު ވޮޝިންގްޓަންގައި ބޭއްވުނު ކޯޓު އަޑުއެހުމެއްގައެވެ.

ޖަސްޓިސް ޑިޕާޓްމެންޓް ނުވަތަ އިންސާފުގެ ވުޒާރާގެ ވަކީލު ޑޭވިޑް ޑާލްކުއިސްޓް ވިދާޅުވީ ހުށަހަޅާ ހުށަހެޅުންތައް ފަރުމާ ކުރެވިފައިވާނީ ގޫގުލްއިން ސާރޗް އިންޖީނަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިންޓަގްރޭޓް ކުރުމުގެ ޕްލޭން ވެސް ހިމެނޭޭ ގޮތަށް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މައްސަލަ ހުށަހެޅި ފަހުން ގޫގުލްއިން ވަނީ އެ ކުންފުނީގެ "ބާޑް" އޭއައި ޕްރޮޑަކްޓް "ޖެމިނައި" އަށް ބަދަލުކޮށްފައި ކަމަށެވެ.

Ad
rt

ޕްރޮސިކިއުޓަރުން ހުށަހަޅަފާނެ ފިޔަވަޅުތަކުގެ ތެރޭގައި ގޫގުލްގެ ބައެއް ވިޔަފާރި ޔުނިޓްތައް، މިސާލަކަށް އެންޑްރޮއިޑް މޮބައިލް ޑިވައިސް އޮޕަރޭޓިންގ ސިސްޓަމް ވަކިކުރުން ނުވަތަ ސްމާޓްފޯނު އުފެއްދުންތެރިންނަށް ދޭ ބިލިއަން ޑޮލަރުގެ އަހަރީ ފައިސާ ހުއްޓާލުން ހިމެނިދާނެއެވެ.

ގޫގުލްގެ ވަކީލު ޖޯން ޝްމިޑްޓްލެއިން ވިދާޅުވީ ޕްރޮސިކިއުޓަރުންގެ ފަރާތުން ތަފްސީލީ ހުށަހެޅުމެއް ބޭނުންވާ ކަމަށާއި، އޭއައި ސާރޗާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް މައިކްރޯސޮފްޓް އަދި އޯޕަންއޭއައި އާ ގުޅަންޖެހިދާނެ ކަމަށެވެ. ގޫގުލްއިން ބުނެފައިވަނީ ފަނޑިޔާރުގެ ނިންމުމާ ދެކޮޅަށް އިސްތިއުނާފު ކުރާނެ ކަމަށެވެ.

ޔޫއެސް ޑިސްޓްރިކްޓް ފަނޑިޔާރު އަމިތް މެހްތާ ވިދާޅުވެފައިވަނީ މި މައްސަލައިގައި ވަރަށް އަވަހަށް އަޑުއެހުމެއް ބޭއްވިދާނެ ކަމަށާއި، އަންނަ އަހަރުގެ އޯގަސްޓް މަހުގެ ކުރިން ނިންމުމެއް ނެރުމަށް ބޭނުންވާ ކަމަށެވެ.