ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ރޭސް ކާރަކުން ސައިކަލެއްގައި ޖެހިގެން ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކާރު ދުއްވަން އިންމީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ލ. އިސްދޫއަށް އުފަން ހަސަން ސަމާހް ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
ފުލުހުން މިއަދު މީޑިއާއަށް ހިއްސާކުރި މައުލޫމާތުގައި ބުނެފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ރޭ ދަންވަރު 02:48 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލް ދުއްވަން އިން މީހާ އަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދިން ކަމަށާއި، ހާދިސާގައި ނިޔާވެފައި ވަނީ 23 އަހަރުގެ ޒުވާނެއް ކަމުގައި ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވަން އިން މީހާ ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ކާރު ދުއްވަން އިން މީހާގެ ވަނަވަރު ވެސް ފުލުން މިހާރުވަނީ އާންމުކޮށްފައެވެ. މި އެކްސިޑެންޓްގައި ކާރު ދުއްވަން އިނީ ސ.ހިތަދޫއަށް އުފަން މުހައްމަދު ވިސާމް ސިދުގީ (26) އެވެ. އެނގިފައިވާ ގޮތުގައި ކާރު ދުއްވަން އިން މީހާގެ ލައިސަންސެއްވެސް ނެތެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އެސަރަހައްދު އެކީ ބަންދުކޮށް އިތުރު ތަހުގީގުތައް ކުރަމުންނެވެ. އެކްސިޑެންޓް ވެފައިވާ ކާރާއި ސައިކަލު މިހާރު އޮތީ ވަރަށް ދުރުގަ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް އިތުރަށް ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!