ހަމާސްއާ އެކު އެއްބަސްވުމެއް ނެތި އަސީރުންގެ ފުރާނަ ވަނީ ނުރައްކަލުގެ ތެރެއަށް ހުށައެޅިފައި ކަމަށާއި، އަސީރުންގެ ފުރާނަ ސަލާމަތް ކުރެވޭނީ ހަމާސް އާއިއެކު އެއްބަސްވުމަކަށް ދެވިގެން ކަމުގެ އިންޒާރު އިސްރާއީލުގެ ސިފައިން ސަރުކާރަށް ދީފިއެވެ.
އިސްރާއީލުގެ އިސްތިއުމާރީ ސިފައިން އެގައުމުގެ ސަރުކާރަށް އިންޒާރު ދެމުން ބުނެފައިވަނީ، ޣައްޒާގައި ފުޅާދާއިރާއެއްގައި ހިންގާ ކޮންމެ އަސްކަރީ އޮޕަރޭޝަނަކުން އިސްރާއީލުގެ އަސީރުންގެ ފުރާނަ އަށް އިތުރަށް ނުރައްކާވާނެ ކަމަށެވެ.
އިސްރާއީލުގެ ދުވަހުނޫސް ޔެޑިއޮތު އަހްރޮނޮތު އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ސިފައިން “ސިޔާސީ ފަންތީގެ މީހުންނަށް ސާފުކޮށްދީފައިވަނީ (ހަމާސްއާއެކު) އެއްބަސްވުމެއް ނެތި، ޣައްޒާގެ ސަރަހައްދުގައި ފުޅާދާއިރާއެއްގައި ހިންގާ ކޮންމެ ގްރައުންޑް އޮޕަރޭޝަނަކާމެދު ވިސްނަންޖެހޭނެ ކަމަށާއި، ނަތީޖާއަކަށް ވެގެންދާނީ ރަހީނުންގެ ފުރާނައަށް ނުރައްކާ ވަމުންދިއުން ކަމަށެވެ.
ޔެޑިއޮތު އަހްރޮނޮތު އާއި ހަވާލާދީ ނަން ހާމަކުރަން ބޭނުންނުވާ އަސްކަރީ އިސް އޮފިޝަލަކު ވިދާޅުވީ “ރަހީނުންގެ ފުރާނަގެ ޒިންމާ ސިފައިން ނަގަން ޖެހޭނެތޯ ކެބިނެޓުން ނިންމަންޖެހޭ” ކަމަށެވެ.
އިތުރަށް އެ ނޫހުން ބުނެފައިވަނީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ދެކުނުގެ ރަފާ ސިޓީގެ ޓަނަލްގެ ތެރެއިން މަރުވި 6 އަަސީރުންގެ ހަށިގަނޑު ފެނުމުން، ހަމާސްއާއެކު އެއްބަސްވުމަކަށް ދިއުމަށް އަންގާ އިސްރާއީލުގެ އަސްކަރިއްޔާއިން ސަރުކާރަށް ތަކުރާރުކޮށް އިންޒާރު ދީފައިވާ ކަމަށެވެ.
އަލްޤައްސާމް ބްރިގޭޑްސްގެ އަސްކަރީ ތަރުޖަމާނު އަބޫ އޮބެއިދާ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި އިސްރާއީލަށް އިންޒާރު ދެއްވަމުން ވިދާޅުވީ، އަސްކަރީ ފިޔަވަޅު ބޭނުންކޮށްގެން އަސީރުން މިނިވަން ކުރަން މަސައްކަތް ކުރުމުން ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!