އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކުމުގެ މަސައްކަތުގައި ޢަމަލުކުރަންވީ ގޮތުގެ މިންގަނޑެއް އެކުލަވާލައި، ދަފްތަރުކުރުމުގެ އުސޫލެއް އާންމުކޮށް ޢަމަލުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.

މި އުސޫލުގެ ދަށުން ގޭގައި ހެދިކާ ހަދައި ވިއްކުމަށް ބޭނުންވާ ފަރާތްތަކުން ދަފްތަރުކޮށް، ބޭސިކް ފުޑް ސޭފްޓީ ކޯހެއް ފުރިހަމަކުރަންޖެހޭނެއެވެ.

Ad
rt

މި މިންގަނޑު އެކުލަވާލުމުގައި ބޭރުގެ އެކި ޤައުމުތަކުގެ މިންގަނޑުތަކާއި ބައިނަލްއަޤްވާމީ މިންގަނޑުތަކުގެ އިތުރުން ރާއްޖޭގެ ކަމާބެހޭ ގަވާއިދުތަކަށް ރިޢާޔަތްކޮށްފައިވާކަމަށް އެ އޮތޯރިޓީން މަޢުލޫމާތު ދީފައިވެއެވެ.

އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުޞޫލު ގެ ތަޢާރަފުގައި ބުނެފައިވަނީ އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދައި ވިއްކާ ފަރާތްތައް އިތުރުވަމުންއަންނަ ކަމަށެވެ. މިފަދަ އުފެއްދުންތަކުގެ ރައްކާތެރިކަން ކަށަވަރު ނުވުމަކީ އާންމު ޞިއްޙަތަށް ނުރައްކާވުމުގެ ފުރުޞަތު އޮތް ކަމެއްކަމަށާއި އަދި މިފަދަ އުފެއްދުންތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް އެތަކެތި އުފެއްދުމަކީ އާންމު ޞިއްޙަތު ރައްކާތެރިކުރަން އެޅޭ ފިޔަވަޅެއްކަމަށެވެ.

"މި ގޮތުން މިފަދަ ކާބޯތަކެތި އުފައްދާ ކޮންމެ ތަނަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މި އޮތޯރިޓީން ކަ ނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ތަންތަން މިއޮތޯރިޓީގައި ދަފްތަރު ކުރުމަކީ އެތަކެތީގެ ވިޔަފާރިތަކަށް މަގުފަހިވާނެ ކަމެކެވެ. އަދި އެތަކެތީގެ ރައްކާތެރިކަމާ މެދު އާންމުންގެ އިތުބާރު ބޮޑުވާނެ ކަމެއް ވެސް މެއެވެ. "

އެ އުސޫލުގެ ތަޢާރަފުގައި ބުނެފައިވެއެވެ.

މިފަދަ އުސޫލެއް އެކުލަވާލައި ޢަމަލުކުރަން އަންގާފައިވަނީ ފަހަކަށްއައިސް ބިދޭސީންގެ ފަރާތުން ނުތާހިރު ބަދިގެތައް އިމިގްރޭޝަނުން ރެއިޑްކުރަމުން އަންނަ ދުވަސްވަރެއްގައެވެ.

މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި 3014361 އަދި ރަސްމީ ގަޑި ނޫން ވަގުތުތަކުގައި 7603241 އަށް ގުޅުމަށް އެ އޮތޯރިޓީން އަންގާފައިވެއެވެ.

މި އުސޫލުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ސާފުތާހިރުކަން އިތުރުވެ، ޞިއްޙަތަށް ގެއްލުން ލިބިދާނެ ކަންކަން ކުޑަވެގެންދާނެކަމަށް ބެލެވެއެވެ.

އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި ޢަމަލު ކުރަންވީގޮތުގެ މިންގަނޑު

އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ އުޞޫލު