އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ދެއްވި ބަޔާނެއްގައި، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ގިނަ ބަހަނާތަކަކާއި ދޮގުތަކެއް ހިމެނިފައިވާކަމަށް ބެލެވެއެވެ.
މިޞްރާއި ޣައްޒާ ގުޅުވައިދޭ ބޯޑަރުގެ ކޮންޓްރޯލް ދޫކޮށްނުލުމާ ގުޅޭގޮތުން ނަތަންޔާހޫ ބުނެފައިވަނީ، "ފިލަޑެލްފިއާގެ ދަށުން ބިމުގެ އަޑިން ޔަމަނާއި އީރާނުގެ ހަތިޔާރު އެތެރެ ކުރާ މަގެއް އޮވެދާނެ" ކަމަށެވެ. އަދި ހަނގުރާމަ ދަމަހައްޓަން ބޭނުންވާ ކަމަށް ބުނެ، "ހަނގުރާމައިގެ ފަހުވަގުތުކޮޅު އެއްވެސް ޖޯޝެއް ނުހުންނާނެ. އަހަރެމެން މިތިބީ ހަމާސް ނައްތާލުމާ ގާތްވެފަ" ކަމަށް ބުންޏެވެ.
އިސްރާއީލުގެ އާންމުން ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް ނުކުތުމުން، އެކަން ހަމާސްގެ ބޮލުގައި އަޅުވަން މަސައްކަތްކުރައްވައި، "އަޅުގަނޑުމެންގެ ރައްޔިތުން އަޅުގަނޑުމެންގެ ދުޝްމަނުންގެ ފިއްތުންތަކަށް ބޯނުލަނބާނެ" ކަމަށް ބުންޏެވެ.
ނަތަންޔާހޫ މަސައްކަތް ކުރަނީ ޞުލްޙައާއި ދުރަށް ކަމަށް އެމެރިކާގެ ރައީސް ބައިޑަން ވިދާޅުވުމުން، "މިއަދު ރައީސް ބައިޑަން ދެއްކެވި ވާހަކައެއް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ" ކަމަށް ބުނެ ރައްދު ދެއްވިއެވެ.
"ހަމާސްއިން އަޅުގަނޑުމެންގެ ހަ ރަހީނަކު މަރާލި ފަހުން، ލުއިތަކެއް ދިނުމުގެ ވާހަކަ އަޅުގަނޑު ގަބޫލެއް ނުކުރާނަން"
ޣައްޒާއަށް އިންސާނީ އެހީ އެކަށީގެންވާ ގޮތަކަށް ފޮނުވަން ލުއި ނުދޭން ބަހަނާ ދަންކަމުން ބުނެފައިވެއެވެ.
މީގެ އިތުރުން، ސަރުކާރުގެ ތެރެއިން ހަމާސްއަށް މައުލޫމާތު ފޯރުކޮށްދޭކަމަށް ބުނެ، "މައުލޫމާތު ލީކުވުމާ ދެކޮޅަށް ގާނޫނެއް އެކުލަވާލަންޖެހޭ. އެހެންނޫނީ އޭގެ ފައިދާ ހަމާސްއިން ނަގަމުންދާނެ" ކަމަށް ބުނެފައިވެއެވެ.
އިޒްރާއީލް ރައްޔިތުންގެ ރުޅިވެރިކަމާ ސިފައިންގެ ނުތަނަވަސްކަން ފިލުވާލެވޭތޯ ދެއްކި ވާހަކައެއްގެ ގޮތުގައި “އަޅުގަނޑުމެން މިތިބީ ހަމާސް ނައްތާލުމާ ގާތްވެފައި، ބާރާއި ވެރިކަމުގެ ވަސީލަތްތަކުން ހަމާސް މަޙްރޫމް ކުރެވެންދެން އަޅުގަނޑުމެން ކުރިއަށް ގެންދަންޖެހޭނެ” ކަމަށް ބުނެފައިވުން ފާހަގަ ކުރެވުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!