އިންޑިއާގެ ރާޖަސްތާންގެ ބާމަރު ސަރަޙައްދުގައި އިންޑިއަން އެއަރ ފޯސްގެ މިގް-29 ހަނގުރާމަމަތީ ޖެޓެއް ވެއްޓިއްޖެއެވެ.
މި ހާދިސާގައި ޕައިލެޓް ސަލާމަތްވެފައިވާކަމަށް އެ ޤައުމުގެ ފުލުހުން ވަނީ ބުނެފައެވެ. މި ހާދިސާ ހިނގީ އާންމު ގޮތެއްގައި ކުރާ ރޭގަނޑުގެ ތަމްރީނެއްގެ ތެރޭގައެވެ.
އެއަރ ފޯސްއިން ބުނީ މި ޖެޓަށް "ނުރައްކާތެރި ޓެކްނިކަލް މައްސަލައެއް" ދިމާވި ކަމަށެވެ. އެއަރ ފޯސްއިން އެކްސް (ކުރީގެ ޓްވިޓަރ) ގައި ބުނެފައިވަނީ "ބާމަރު ސަރަޙައްދުގައި އާންމު ގޮތެއްގައި ކުރާ ރޭގަނޑުގެ ތަމްރީނެއްގެ ތެރޭގައި އައިއޭއެފްގެ މިގް-29 އަކަށް ނުރައްކާތެރި ޓެކްނިކަލް މައްސަލައެއް ދިމާވެ، ޕައިލެޓް ނުކުންނަން މަޖުބޫރުވިކަމަށެވެ.
ޕައިލެޓް ސަލާމަތުން ހުރި. އެއްވެސް މީހެއްގެ ފުރާނައަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ވެފައެއް ނުވޭ. މި މައްސަލަ ތަޙުޤީޤު ކުރުމަށް ކޯޓް އޮފް އިންކުއަރީއެއް އެކުލަވާލައިފި" އެކްސްގައި ކުރި ޕޯސްޓްގައި ބުނެފައިވެއެވެ.
އޮފިޝަލުން ބުނާ ގޮތުގައި މި ހަނގުރާމަ ޖެޓް ވެއްޓުނީ ރޭގަނޑު 10:00 ހާއިރު، މީހުން ދިރިއުޅޭ ސަރަޙައްދުން ދުރު ހިސާބަކަށެވެ. ހާދިސާ ހިނގި ސަރަޙައްދުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ޖެޓް ވަނީ އެއްކޮށް އަނދާފައެވެ.
ބާމަރުގެ ކަލެކްޓަރ ނިޝާންތް ޖެއިން، ޕޮލިސް ސުޕްރިންޓެންޑެންޓް ނަރެންދްރާ މީނާ އަދި އެހެނިހެން އިސް އޮފިޝަލުން ވަނީ ހާދިސާ ހިނގި ސަރަޙައްދަށް ޒިޔާރަތްކޮށްފައެވެ.
ސުޕްރިންޓެންޑެންޓް މީނާ ބުނާ ގޮތުގައި ހާދިސާ ހިނގި ސަރަޙައްދުގައި ފެންބޮޑުވެފައި ވުމުގެ ސަބަބުން ސަރަޙައްދަށް އަލިފާން ނިއްވާ ވެހިކަލްތައް ވަދެ ނުކުތުމަށް ދަތިތަކެއް ކުރިމަތިވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!