ހިތުގެ ބަލިތަކުގެ ނުރައްކާ އަހަރުތަކެއް ކުރިން ދެނެގަނެވޭނެ ލޭގެ ޓެސްޓެއް ސައިންސްވެރިން ހޯދައިފިއެވެ.

އެމެރިކާގެ ސެންޓާސް ފޮރ ޑިސީސް ކޮންޓްރޯލް ޕްރިވެންޝަން (ސީޑީސީ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާގައި ކޮންމެ ފަސް މަރަކުން އެއް މަރަކީ ހިތުގެ ބައްޔަކުން ވާ މަރެކެވެ. ހިތުގެ ބަލިތަކާއި ސްޓްރޯކް ފަދަ ބަލިތައް ދުރާލާ ހުއްޓުވުމަށް ކާނާއާއި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމާއި ބޭސްފަރުވާ ފަދަ ގޮތްތަކެއް އެނގިފައި ވީނަމަވެސް، ސައިންސް ވެރިންގެ މި އައު ދިރާސާއިން ދައްކައިދީފައިވަނީ ލޭގެ ޓެސްޓަކުން 30 އަހަރު ކުރިން ހިތުގެ ބަލިތަކުގެ ނުރައްކާ ދެނެގަނެވިދާނެ ކަމެވެ.

Ad
rt

ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި ބުނެފައިވާ ގޮތުގައި އާންމު ލޭގެ ޓެސްޓަކުން އަންހެނުންގެ ހިތުގެ ބަލިތަކުގެ ދުރު މުސްތަޤުބަލުގެ ނުރައްކާ ދެނެގަނެވިދާނެއެވެ. މީގެ ކުރިން ހިތުގެ ބަލިތަކުގެ ނުރައްކާ ވަޒަންކުރަމުން އައީ ކޮލެސްޓްރޯލްގެ މިންވަރުން، ޚާއްޞަކޮށް "ނުބައި ކޮލެސްޓްރޯލް" ކަމަށް ބުނެވޭ ލޯ-ޑެންސިޓީ ލައިޕޯޕްރޮޓީން (އެލްޑީއެލް) ގެ މިންވަރުންނެވެ.

ނަމަވެސް މި ދިރާސާއިން ދައްކައިދީފައިވަނީ އެލްޑީއެލްގެ އިތުރުން އިތުރު ދެ ބަޔޯމާކަރެއް ބޭނުންކޮށްގެން ހިތުގެ ބަލިތަކާއި ސްޓްރޯކްގެ ނުރައްކާ ފުރިހަމައަށް ދެނެގަނެވިދާނެ ކަމެވެ. މި ދިރާސާގެ މައިގަނޑު ފަރާތް ކަމުގައިވާ، ބޮސްޓަންގެ ބްރިގަމް އެންޑް ވިމެންސް ހޮސްޕިޓަލްގެ ސެންޓަރ ފޮރ ކާޑިއޯވަސްކިއުލަރ ޑިޒީޒް ޕްރިވެންޝަންގެ ޑައިރެކްޓަރ ޑރ. ޕޯލް ރިޖަރ ވިދާޅުވި ގޮތުގައި މި ދެ ބަޔޯމާކަރަކީ ލޭގައި ހުންނަ މަދުންހުރި ޝަރުބީގެ ބާވަތެއް ކަމަށްވާ ލައިޕޯޕްރޮޓީން (އޭ) އާއި ހަށިގަނޑުގައި އިންފްލަމޭޝަން ހުރިކަން ދައްކައިދޭ ސީ-ރިއެކްޓިވް ޕްރޮޓީން (ސީއާރްޕީ) އެވެ.