ހުޅުމާލެ ފޭސް 1 އިން 168 ފުޅި ބަނގުރާއާއެކު 44 އަހަރުގެ ބަނގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފިކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ.
ފުލުހުން ބުނީ މި މީހާ ހައްޔަރުކޮށްފައިވަނީ އޮގަސްޓު 31 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ރަށުތެރެ ޕެޓްރޯލުކުރަމުން ދަނިކޮށް ކަމަށެވެ. އެގޮތުން ނިރޮޅުން މަގުން ދުއްވާފައިދިޔަ ކާރެއް ހުއްޓުވައި ބަލައިފާސްކުރުމުން 168 ފުޅި ބަނގުރާ ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ކާރު ދުއްވި، ގާޒީ ސަލާހުއްދީން ކިޔާ 44 އަހަރުގެ ބަނގްލަދޭޝް ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!