ދިވެހި ފުލުހުންގެ މަދަނީ ޚިދުމަތަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ފުލުހުންގެ މަސައްކަތްތައް ފަސޭހަކޮށް ހަލުވިކުރުމަށްޓަކައި އައު އެޕްލިކޭޝަންތަކެއް ތަޢާރަފުކޮށް، ކުރިން ބޭނުންކުރަމުން އައި ބައެއް އެޕްލިކޭޝަންތައް އަލުން ފަރުމާކޮށް އިފްތިތާހުކޮށްފިއެވެ.

މިކަމަށްޓަކައި އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ ކޮމާންޑުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

Ad
rt

އިތުރު ފީޗާސްތަކާއެކު އަލުން ފަރުމާކުރެވުނު އެޕްލިކޭޝަންތަކުގެ ތެރޭގައި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ސަޕޯޓް ޕޯޓަލް، ޕީއައިއައި ޓީމްސް އެޕްލިކޭޝަން، ޕާސަން އޮފް އިންޓްރެސްޓް ޕޯޓަލް، ނެއިބަހުޑް ސަޕޯޓް ސިސްޓަމް، ޓެކްނިކަލް އޮޕަރޭޝަން ޕްލެޓްފޯމް، އޮޕްސް މޮބައިލް އެޕް އަދި ފޭސް އެޕް ހިމެނެއެވެ. އަދި މުޅީން އަލަށް ތަޢާރަފުކުރެވުނު އެޕްލިކޭޝަންތަކުގެ ތެރޭގައި ޕައިން މައިންޑުގެ ދަށުން ޑިވެލޮޕްކޮށްފައިވާ އޮޓޮމެޓިކް ސްޕީޗް ރެކޮގްނިޝަން (އޭ.އެސް.އާރު) އަދި އިންވެސްޓިގޭޝަން މޮޑިއުލްއަށް އިތުރުކުރެވުނު ސުޕަވައިޒަރ ޑޭޝްބޯޑް ހިމެނެއެވެ.

މި ގެނެވުނު ބަދަލުތަކާއި އައު އެޕްލިކޭޝަންތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މަޢުލޫމާތު ބެލެހެއްޓުމާއި، ތަޙުޤީޤުތައް ކުރިއަށްގެންދިއުމާއި، މުޖުތަމަޢާ ގުޅިގެން ކުރާ މަސައްކަތްތައް ހަލުވިވެ ފަސޭހަވެގެންދާނެކަމަށް ބެލެވެއެވެ.

"މިސާލަކަށް، އޭއެސްއާރު ނިޒާމުގެ ސަބަބުން، މައްސަލަތަކާ ގުޅިގެން ނަގާ ބަޔާންތަކާއި ބައްދަލުވުންތަކުގެ ޓްރާންސްކްރިޕްޓް ފަސޭހައިން ލިޔުމަށް ބަދަލުކުރެވޭނެ، އަދި ފޭސް އެޕްގެ ސަބަބުން. މީހުން ދެނެގަތުމުގެ މަސައްކަތް އަވަސްވެ ސަލާމަތީ ކަންކަން ހަރުދަނާވެގެންދާނެ"

ފުލުހުން ބުނެފައިވެއެވެ.

މި އެޕްލިކޭޝަންތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީގެ ފަރާތުން ވިދާޅުވީ ޒަމާނީ މި ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށެވެ. އަދި މި އައު ޓެކްނޮލޮޖީތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތުގެ ފެންވަރު މަތިވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޔަގީންކުރާ ކަމަށެވެ.

އަލުން ފަރުމާކުރެވުނު އެޕްލިކޭޝަންތަކުގެ ތެރޭގައި:

- ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ސަޕޯޓް ޕޯޓަލް: ފުލުހުންގެ މުވައްޒަފުންނަށް ޓެކްނިކަލް މައްސަލަތައް ރިޕޯޓުކޮށް، ބަލަހައްޓައި އަދި ހައްލުކުރުމަށް މަގުފަހިކޮށްދޭ ޕްލެޓްފޯމް
- ނެއިބަހުޑް ސަޕޯޓް ސިސްޓަމް: މުޖުތަމަޢުގެ ބައިވެރިވުން އިތުރުކޮށް، ގުޅުންހުރި ހަރަކާތްތައް ހަރުދަނާކުރުމަށް ފަރުމާކުރެވިފައިވާ ނިޒާމް
- އޮޕްސް މޮބައިލް އެޕް: ފީލްޑުގައި މަސައްކަތްކުރާ ފުލުހުންނަށް މުހިންމު މަޢުލޫމާތާއި ވަސީލަތްތައް ފަސޭހައިން ލިބޭނެ އެޕްލިކޭޝަން
- ޕީއައިއައި ޓީމްސް އެޕްލިކޭޝަން: އަމިއްލަ ޕްރޮފައިލް ބެލެހެއްޓުމާއި ޕޮލިސް ގެޒެޓަށް ވަނުމާއި އެންޑޯޒް ކުރުމާއި އެޕްރޫވްކުރުމުގެ ޚިދުމަތް ހިމެނޭ އެޕްލިކޭޝަން
- ޕާސަން އޮފް އިންޓްރެސްޓް (ޕީއޯއައި) ޕޯޓަލް: މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު ބެލެހެއްޓުމަށް ފަރުމާކުރެވިފައިވާ ސިސްޓަމް
- ޓެކްޓިކަލް އޮޕަރޭޝަން ޕްލެޓްފޯމް (ޓީއޯޕީ): ހާލަތު ދެނެގަތުމާއި، ވަގުތުން ވަގުތަށް ނިންމުންތައް ނިންމުމުގެ ގާބިލުކަން އިތުރުކުރުމަށް ތައްޔާރުކުރެވިފައިވާ ހައްލެއް

މި އައު އަދި އަޕްޑޭޓްކުރެވުނު އެޕްލިކޭޝަންތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މައުލޫމާތު ބަދަލުކުރުމާއި ކޭސްތައް ބެލެހެއްޓުން ފަދަ ކަންކަން ފަސޭހަވެގެންދާނެއެވެ. މީގެ އިތުރުން، މި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ ސަބަބުން ފުލުހުންގެ މަސައްކަތުގެ ފެންވަރު މަތިވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެއެވެ.