ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ބައްދަލު ކުރި މެޗުގައި ދެ ގޯލު ޖަހައި އެމްބާޕޭ މީޑިއާއަށް ޖަވާބު ދީފިއެވެ. ރޭ ރެއާލުގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމް މޮޅުވީ 2-0 ގެ ނަތީޖާއިންނެވެ
މި ސީޒަނަށް ރެއާލާއި ގުޅުނު އެމްބާޕޭ، އެ ޓީމަށް ފުރަތަމަ ކުޅުނު މެޗަކީ ޔުއެފާ ސްޕަ ކަޕްގައި އެތުލާންޓާ އަތުން ރެއާލް މޮޅުވެ އެ މުބާރާތް ކާމިޔާބު ކުރި މެޗެވެ. ފުރަތަމަ މެޗުން އެމްބާޕޭ ރެއާލުގައި ތައްޓެއް ކާމިޔާބުކޮށް، ހުވަފެނީ ކުލަބުގެ ކެރިއާ ފެށީ ތައްޓަކުންނެވެ. އެ މެޗުގައި އޭނާ ގޯލު ވެސް ޖެހިއެވެ.
ސްޕެނިޝް ލީގުގައި ރެއާލުން ފުރަތަމަ ކުޅުނު ތިން މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން އެމްބާޕޭ ކުޅުނު ނަމަވެސް އެ ތިން މެޗުގައި އޭނާއަށް ގޯލެއް ނުޖެހުނެވެ. މި ސަބަބާއިހުރެ މީޑިއާގެ ފާޑުކިއުން ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށް ރޭ މެޗުގައި ދެ ލަނޑުޖަހައި އޭނާ ވަނީ އެ ފާޑުކިޔުމަށް ނިމުން ގެނެސްފައެވެ.
ރެއާލުން ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުގައި ގޯލެއް ނުޖެހުނު ނަމަވެސް އެ މެޗުތަކުގައި އެމްބާޕޭ ވަނީ ޖުމްލަ 17 ހަމަލާއެއް އިދިކޮޅު ގޯލަށް ފޮނުވާލާފައެވެ. ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގައި މި ސީޒަންގައި މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދާފައި ވަނީ ވެސް އޭނާއެވެ. ރޭ ބެޓިސް ކޮޅަށް ވެސް އެންމެ ގިނަ ހަމަލާ ފޮނުވާލީ އެމްބާޕޭއެވެ. އޭނާ ވަނީ ރޭ މެޗުގައި ނުވަ ހަމަލާއެއް ފޮނުވާލާފައެވެ.
މުޅި މެޗު ކޮންޓްރޯލް ކޮށްގެން ރެއާލުން ކުޅުނު ނަމަވެސް ފުރަތަމަ ހާފުގައި ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. ރެއާލުން ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ 67 ވަނަ މިނެޓުގައެވެ. ވަލްވަޑޭ ދިން މޮޅު ބެކްހީލް ޕާހަކުން ތަނަވަސްވީ ފުރުސަތުގައި އެމްބާޕޭ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. އޭގެ އަށް މިނެޓް ފަހުން ލިބުނު ޕެނަލްޓީން އެމްބާޕޭ ވަނީ ރެއާލަށް ދެވަނަ ލަނޑު ޖަހައިދީފައެވެ. މި ޕެނަލްޓީއަކީ ބެޓިސްގެ ކީޕަރު ރުއި ސިލްވާ ވިނީސިއަސްއަށް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު، ކުޅުނު ހަތަރު މެޗުން 8 ޕޮއިންޓް ހޯދައިގެން ރެއާލް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ދެވަނާގައެވެ. އެއްވަނާގައި އޮތީ ބާސާއެވެ. ބާސާއިން ވަނީ ހަތަރު މެޗުން 12 ޕޮއިންޓް ހޯދާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!