މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރުކޮށްފައި ހުރި އަހުމަދު އަތުހަރު އަމިއްލައަށް މަރުވާން އުޅެނިކޮށް ފުލުހުން ސަލާމަތްކޮށް، ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ އަތުހަރު އަމިއްލައަށް މަރުވާން އުޅެނިކޮށް ސަލާމަތްކޮށް، އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ގެންދިޔަ ހޮސްޕިޓަލާއި ހާލަތާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އަތުހަރު މަރުވި ކަމަށް ސޯޝަލް މީޑިއާ އަދި ނޫސްތަކުގައި ޚަބަރު ފެތުރުނު ނަމަވެސް އޭނާ މަރުވެފައި ނުވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
އަތުހަރު ހައްޔަރުކުރީ އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި، ރަހީނުކޮށްގެން ސައިކަލެއްގައި ދަނިކޮށް ފުލުހުން އޭނާ ހިފެހެއްޓުމަށް ފަހުއެވެ. އޭނާ ހައްޔަރުކުރުމަށް ފުލުހުން މުގުރު ބޭނުންކުރި ކަމަށް ބުނެވެއެވެ. އެއަށްފަހު އޭނާގެ ބޮލުން ލޭ ފައިބާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެފައިވާއިރު، އޭނާއަށް ފުރަތަމަ އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު އައިޖީއެމްއެޗްގައި ވެސް ފަރުވާދީފައިވެއެވެ.
ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގައި އަތުހަރު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ. އެ މައްސަލާގައި އަނިޔާ ލިބުނު އަންހެން މީހާ އަކީ ފުލުހެއް ކަމަށް ބުނެވެއެވެ. އަދި ރަހީނުކޮށްފައި ވަނީ އަތުހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!