ބްރެޒިލްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި އިލޮން މަސްކާ ދެމެދު ހިނގަމުންދާ ޖަދަލަކާ ގުޅިގެން، ބްރެޒިލްގައި އެކްސް (ކުރީގެ ޓްވިޓަރ) ބްލޮކްކުރުމަށް އެ ގައުމުގެ ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރުން މަސައްކަތް ފަށައިފިއެވެ.

ބްރެޒިލްގެ ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރުން ހުކުރު ދުވަހު ބުނި ގޮތުގައި، ކޯޓު އަމުރަކާ އެއްގޮތަށް ޢަމަލުކުރުމަށްޓަކައި އެކްސްއަށް އެކްސެސްވުން ހުއްޓުވުމަށް މަސައްކަތް މިހާރުވަނީ ފަށައިފައެވެ. މިއީ އެކްސްއިން ބްރެޒިލްގައި ޤާނޫނީ ވަކީލެއް ޢައްޔަންކުރުމަށް ކޯޓުން ދީފައިވާ މުއްދަތު ހަމަވުމުން އަޅާފައިވާ ފިޔަވަޅެކެވެ.

Ad
rt

އެކްސްގެ ވެރިފަރާތް އިލޮން މަސްކް ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލެކްސާންޑްރޭ ޑި މޮރާއިސް ވަނީ އެކަށީގެންނުވާ ސެންސަރޝިޕެއް ތަންފީޒުކުރަން މަސައްކަތްކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް ފަނޑިޔާރު ބުނެފައިވަނީ ސޯޝަލް މީޑިއާގައި ނަފްރަތުގެ ބަސްތައް ރެގިއުލޭޓްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މިކަމާ ގުޅިގެން މަސްކް ވަނީ ބްރެޒިލްގައި އެންމެ އިތުބާރުހުރި މަޢުލޫމާތު ފޯރުކޮށްދޭ ވަސީލަތް ބަންދުކުރަމުންދާ ކަމަށް ބުނެފައެވެ. ފަނޑިޔާރުގެ މި ނިންމުމުގެ ސަބަބުން އެކްސްއަށް އެންމެ މުހިންމު އަދި އެންމެ ބޮޑު މާކެޓްތަކުގެ ތެރެއިން އެއް މާކެޓް ގެއްލިދާނެކަމަށް ބެލެވެއެވެ.

ހުކުރު ދުވަހުގެ ފަހު ވަގުތުތަކާ ހަމައަށްވެސް ބްރެޒިލްގައި އެކްސް އަށް އެކްސެސްވެވޭ ކަމަށް ވީނަމަވެސް، ބްރެޒިލްގެ ބައެއް ރައްޔިތުން ވަނީ އެހެނިހެން ޕްލެޓްފޯމްތަކުގައި އެކްސް ބްލޮކްވަމުންދާ ކަމަށް ބުނެފައެވެ. އަދި ބްރެޒިލްގެ އެންމެ ބޮޑު ތިން ޓެލެކޮމިއުނިކޭޝަންސް ކުންފުނިން ވަނީ ހޮނިހިރު ދުވަހުގެ ފަތިހު 3 ޖަހާއިރު އެކްސް ބްލޮކްކުރަން ފަށާނެ ކަމަށް ބުނެފައެވެ.