އިނިގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ބްރައިޓަންއާއި އާސެނަލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގައި އާސެނަލުން ލަނޑުޖައި ލީޑު ނެގީ 38 ވަނަ މިނެޓުގައެވެ. މި ލަނޑު ޖަހައިދިނީ ކައި ހަވާޓްޒްއެވެ. ބްރައިޓަންގެ ހާފަށް މަތިން އައި ބޯޅަ ދިފާއު ކުރުމަށް ބްރައިޓަންގެ ޑިފެންޑަރ ޑަންކަށް އެންމެ ރަނގަޅަށް މަސައްކަތް ނުކުރެވުމުގެ ފައިދާ ނަގައި ބުކަޔޯ ސަކާ ވަނީ ހަވާޓްޒްއަށް މުޅިން ހުސް ފުރުސަތެއް ފަހިކޮށްދީފައެވެ. ހަވާޓްޒް އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ކީޕަރުގެ ބޯމަތިންނެވެ.
މެޗުގެ ދެވަނަ ހާފުގައި އާސެނަލަށް މައްސަލަ ކުރިމަތިވީ ފުރަތަމަ ހަތަރު މިނެޓްގެ އެ ޓީމްގެ ރައިސްއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދެއްކުމުންނެވެ. ލިބުނު އެޑްވާންޓޭޖުގެ ބޭނުން ފުރިހަމައަށް ހިފައި ބްރައިޓަން އިން ވަނީ 58 ވަނަ މިނެޓުގައި ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޕެޑްރޯއެވެ.
ކުޅުންތެރިއަކު މަދުކޮށް ކުޅެ ވެސް އާސެނަލުން މޮޅުވެވޭތޯ މަސައްކަތްކޮށް ފުރުސަތުތަކެއް ހޯދި އެވެ. އެ ގޮތުން، އޭރިއާތެރެއިން ހުސްކޮށް، ލިބުނު ފުރުސަތެއްގައި ހަވާޓްޒް ޖެހި ބޯޅަ ކީޕަރު ވާބްރޫގެން މަތަކުރިއިރު އޭގެ ފަހުން، ހަވާޓްޒް ދިން ބޯޅައެއްގައި ސަކާ ޖެހި ޝޮޓް އަމާޒުވީ ކީޕަރު ވާބްރޫގެން އަތަށެވެ.
ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއިއެކު، ޕޮއިންޓް ތާވަލުގެ އެންމެ ކުރީގައި މިވަގުތު އޮތީ މި ދެ ޓީމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!