ވެނެޒުއެލާގެ ރައީސް މަދޫރޯގެ ސަރުކާރު ބަލައިނުގަންނަ ކަމަށް ޔޫރަޕިއަން ޔޫނިއަން އިޢުލާންކޮށްފިއެވެ.

ވެނެޒުއެލާގައި ފާއިތުވި މަހު ބޭއްވުނު ރިޔާސީ އިންތިޚާބު ނިކޮލާސް މަދޫރޯ ކާމިޔާބުކުރެއްވި ނަމަވެސް، އެމަނިކުފާނުގެ "ސަރުކާރު" ބަލައިނުގަންނަ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ބޭރު ގުޅުމުގެ ވަޒީރުން އެއްބަސްވެއްޖެކަމަށް ރަސްމީކޮށް އިއުލާންކޮށްފައިވަނީ ޔޫރަޕިއަން ޔޫނިއަންގެ ބޭރު ސިޔާސަތުގެ އިސްވެރިޔާ ޖޮސެޕް ބޮރެލް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

Ad
rt

މީގެ ކުރިން ވެނެޒުއެލާގެ ފޮރިން މިނިސްޓްރީން އިޢުލާނެއް ނެރެ، ޔޫރަޕިއަން ޔޫނިއަނުން ވެނެޒުއެލާގެ މިނިވަންކަމާއި އިސްތިޤްލާލަށް އިޙްތިރާމް ނުކުރާކަމަށް ބުނެ ކުށްވެރިކޮށް، މިކަމުގެ ސަބަބުން ދެ ފަރާތުގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުމަށް އަސަރުކޮށްފާނެ ކަމަށް ވެސް އިންޒާރުދީފައިވެއެވެ.

ޖުލައި މަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި މަދޫރޯ 52 އިންސައްތަ ވޯޓު ހޯއްދަވައި، ތިންވަނަ ދައުރަކަށް ރައީސްކަން ކަށަވަރު ކުރެއްވި ނަމަވެސް، ވާދަވެރި ފަރާތްތަކުން ތުހުމަތުކުރަނީ މި އިންތިޚާބަކީ ރޭވިގެން ހިންގި އޮޅުވާލުމެއް ކަމަށެވެ.

މަދޫރޯގެ މައިގަނޑު ވާދަވެރިޔާ، ހުޅަނގުގެ ތާއީދު ލިބިފައިވާ އެޑްމުންޑޯ ގޮންޒާލެޒްއަކީ ވެނެޒުއެލާގެ ރައީސްކަމަށް އިންތިޚާބުވި ފަރާތް ކަމުގައި އެމެރިކާއިން މި މަހުގެ ކުރީކޮޅު ރަސްމީކޮށް ބަލައިގަތެވެ.

ބޮރެލްގެ ވިދާޅުވި ގޮތުގައި، ގޮންޒާލެޒްއަށް ވަނީ ޔޫރަޕިއަން ޔޫނިއަންގެ ބައްދަލުވުމަށް ދަޢުވަތު ދެވިފައެވެ. އަދި ޔޫރަޕިއަން ޔޫނިއަންގެ ވަޒީރުން މި ނިންމުން ނިންމާފައިވަނީ ވެނެޒުއެލާގެ ނެޝަނަލް އިލެކްޓޯރަލް ކައުންސިލް (ސީ.އެން.އީ) އިން އިތުބާރުހުރި މަޢުލޫމާތު ހޯދުމަށް ކުރި މަސައްކަތަށް އެކަށީގެންވާ ޖަވާބެއް ނުދިނުމާ ގުޅިގެންނެވެ.