ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ގާއިމުކުރާ، ކޮލަމްބޯ ސެކިއުރީޓީ ކޮންކްލޭވް (ސީއެސްސީ)ގެ މެންބަރު ގައުމުތަކުން ސީއެސްސީގެ ޗާޓަރާއި، ސެކްރެޓޭރިއެޓް ޤާއިމުކުރުމުގެ ފަހުމުނާމާގައި ސޮއިކޮށްފިއެވެ.
މި ރަސްމިއްޔާތު އޮތީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ ސިޓީގައެވެ.
ސީ.އެސް.ސީގެ އަސާސީ މަޤްޞަދަކީ ބައިނަލްއަޤްވާމީ ގޮތެއްގައި މެންބަރު ޤައުމުތަކަށް ކުރިމަތިވާ ނުރައްކާތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދައިދީ ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމެވެ.
މެންބަރު ޤައުމުތަކުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އިންޑިއާގެ ބޮޑުވަޒީރުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަޖިތް ދޯވަލް ކޭ.ސީ، ރާއްޖޭގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އިބްރާހީމް ލަޠީފް، ޑީ.ސީ (ރޓ)، ލޓކލ (ރޓ)، މޮރިޝަސް އިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ހޭމަންޑޯޔަލް ދިލުމް އަދި ސްރީލަންކާގެ ރައީސްގެ ނޭޝަނަލް ސެކިއުރީޓީ އެޑްވައިޒަރު ސަގަލަ ރަޓްނަޔަކަ އެވެ.
ސީއެސްސީގެ ދަށުން މެންބަރު ޤައުމުތަކުން އެއްބާރުލުންދޭ މައިގަނޑު 5 ކަންތައް
- ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން،
- ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުން،
- ޓްރެފިކިން އަދި ޤައުމުތަކުގެ ބޯޑަރުތައް ހުރަސްކޮށް ރާވައިގެން ހިންގާ ކުށްތައް ހުއްޓުވުން،
- ސައިބަރ ސެކިއުރިޓީއާއި އުމްރާނީ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުން
- އިންސާނީ އެހީތެރިކަމާއި ކާރިސާތަކާ ގުޅިގެން އެހީތެރިވެދިނުން
ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ފައުންޑިން ޑޮކިއުމެންޓްސްގައި ސޮއިކުރުމުގެ ހަރަކާތް ނިންމާލާފައި ވަނީ ކޮންކްލޭވްގެ ކުރިއަށް ހުރި މަސައްކަތްތަކާއި، ކުރިއަށް އޮތްތަނުގައި ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވަފުދުގެ އިސްވެރިންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!