ރޭ ހިނގި ރަހީނުކުރި ހާދިސާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ފަހުރުވެރިވާ ކަމަށާއި، މިއީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ މަސައްކަތެއް ކުރުމުގައި ފުލުހުން ޖެހިލުން ނުވާނެކަމުގެ މިސާލެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) ޢަލީ ޝުޖާޢު ވިދާޅުވެއްޖެ އެވެ.
ސީޕީ މިހެން ވިދާޅުވީ، ރޭ ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނާއެކު މިއަދު ބައްދަލުކުރައްވައި އެ ފުލުހުންގެ މަސައްކަތަށް ތައުރީފު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވެވި މި ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ މެނޭޖްމަންޓްގެ ބައެއް އޮފިސަރުންނާއި، ރޭގެ ހާދިސާގެ ކޮމާންޑަރުންނާއި، ހަރަކާތްތެރިވި ޓީމްތަކުގެ ލީޑަރުން އަދި އެ ހާދިސާގައި ހަރަކާތްތެރިވި ހުރިހާ ފުލުހުން ބައިވެރިވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، މިއީ އަލަށް ދިމާވި ނުރައްކާތެރި ހާދިސާއެއް ނަމަވެސް ވަރަށް ކާމިޔާބު ކަމާއި ޕްރޮފެޝަނަލް ކަމާއެކު “ތުރެޓް ނިއުޓްރަލައިޒް” ކޮށްފައިވާ ކަމަށެވެ. އަދި މިއީ ކާމިޔާބު މަސައްކަތެއްކަމާއި އެކަމަށްޓަކައި ހަރަކާތްތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު ދަންނަވާކަމަށެވެ.
ކޮމިޝަނަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރޭގެ އޮޕަރޭޝަންގައި ކޮމިއުނިކޭޝަން ވަރަށް ރަނގަޅަށް ދިޔަކަމާއި މިއީ ކޯޑިނޭޝަން ރަނގަޅު އޮޕަރޭޝަނެއްކަން ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން، ހާލަތާއި ނުކުމެދާނެ ނަތީޖާއަށް ބަލާއިރު "ނިއުޓްރަލައިޒް" ކުރުމުގައި ނިންމި ނިންމުން ރަނގަޅުކަންވެސް ކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ. އަދި ﷲ ގެ އިރާދާފުޅާ އެކު ވިކްޓިމްއަށް އަދި ސަސްޕެކްއަށްވެސް ބޮޑު އަނިޔާއެއް ނުވެ ނިއުޓްރަލައިޒް ކުރެވުނު ކަން ކޮމިޝަނަރ ގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
"ރައްޔިތުންގެ ތައުރީފް ފުލުހުން ރޭ ހިންގި އޮޕަރޭޝަނަށް ލިބެމުން ދޭ، އިތުރަށް ރަނގަޅު ކުރުމަށް ހިޔާލުތައްވެސް ލިބެމުންދޭ، އެކަންކަން ބަލައިގަންނަން، މިފަދަ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން އިތުރު ތަމްރީންތައް ހަދަމުން ގެންދިއުމުގެ މުހިއްމުކަން ބޮޑު،"
ހުރިހާ ފުލުހުންވެސް އެންމެ އިސްކަމެއް ދޭ ކަމަކީ ރައްޔިތުންނަށް ޚިދުމަތް ކުރުން ކަމަށް ހެދުމަށް ކޮމިޝަނަރ އެދިލެއްވިއެވެ.
ރޭ އަންހެނަކު ރަހީނު ކުރި މީހާއަށް ލިބުނު އަނިޔާއަށް ފަރުވާދިނުމަށް ފަހު މިހާރުވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އަދި އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ރޭ ހިނގި ރަހީނުކުރުމުގެ ހާދިސާގެ ވިކްޓިމްގެ ހާލު ކޮމިޝަނަރ އޮފް ޕޮލިސް މިއަދު ވަނީ ބައްލަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!