ތުނބުޅި ދިގުކޮށް ބެހެއްޓުން އުޒްބެކިސްތާނު ރައްޔިތުންނަށް އެގައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އުޒްބެކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ތުނބުޅި ބަހައްޓާ މީހުންނަށް އުނދަގޫ ކުރުމާއި ޖެއްސުން ކުރުމުގެ ކަންތައްތަކެއް ފަށާފައި ކަމަށާއި އެކަމުގެ ސަބަބުން ދީނީ މިނިވަންކަމުގެ މާހައުލު ގޯސްވަމުންދާތީ ކަންބޮޑުވުންތަކެއް އުފެދިފައިވާ ކަމަށެވެ.

Ad
rt

"މިދިޔަ ހުކުރު ދުވަހު 10 އަށް ވުރެ ގިނަ މުސްލިމުން ބަންދުކޮށް، ޝަރުތުކޮށްފައި ވަނީ ތުނބުޅި ބުރިކޮށްލުން ނުވަތަ 15 ދުވަހުގެ ޖަލު ހުކުމެއް،" ނަން ނުޖަހަން އެދި ވިޔަފާރިވެރިއަކު ބުނެފައިވެއެވެ.

ތުނބުޅި ބަހައްޓާ މީހުން ފުލުހުންނަށް ފެނިއްޖެނަމަ 400 ޑޮލަރުން ޖޫރިމަނާކޮށް، ގަދަކަމުން ތުނބުޅި ބުރިކުރަމުންދަާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މެއި މަހު ހިއުމަން ރައިޓްސް ވޮޗުން ނެރުނު ބަޔާނެއްގައި ތުހުމަތުކޮށްފައި ވަނީ ދީނީ ޖަމާއަތްތައް ރަސްމީކޮށް ބަލައިގަތުމަށް ހުރަސް އެޅުމާއި، ކުރިން ދީނީ ޢަޤީދާގެ ސަބަބުން ޖަލުގައި ތިބި ފަރުދުންނަށް ރެންޑަމްކޮށް ހުރަސް އެޅުމާއި، ތަޤްވާވެރި މުސްލިމުންގެ މައްޗަށް ދައުވާ ކުރުމުގެ އަސާސްގެ ގޮތުގައި ފުޅާދާއިރާއެއްގައި ކަނޑައެޅިފައިވާ އަދި ސާފުކޮށް ބަޔާންކޮށްފައި ނުވާ ޤާނޫނުތައް ސަރުކާރުން ބޭނުންކުރާ ކަމަށެވެ.

"އުޒްބެކިސްތާނުގައި ދީނީ އިތުރު މިނިވަންކަން ދިނުމަށް އިސްލާހުތައް ފެށުމުގެ ކްރެޑިޓް ރައީސް ޝަވްކާތު މިރްޒިޔޯޔެވްއަށް ވަރަށް ކުރީކޮޅު ލިބުނު ނަމަވެސް މިއަދު މި ފެންނަނީ މިކްސްޑް ރެކޯޑެއް، އެ ރެކޯޑްގައި ބޮޑެތި އަނިޔާތައް އެބަ ހިނގާ،" ހިއުމަން ރައިޓްސް ވޮޗްގެ ސެންޓްރަލް އޭޝިއާގެ ރިސާޗަރ މިހްރާ ރިޓްމަން ބުނެފައިވެއެވެ.