ތަފާތު އެކިއެކި ސްކޭމްތައް ހިންގާ 38 ވެބްސައިޓެއް ނައްތާލުމަށް ދިއްލީގެ ހައިކޯޓުން އަމުރުކޮށްފި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ޑެލީ ހައި ކޯޓުން އަމުރުކުރީ އިންޑިއާގެ ކްރިޕްޓޯ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ މުޑްރެކްސްގެ ނަމުގައި ހިންގާ ފޭކް 38 ވެބްސައިޓް ނައްތާލުމަށެވެ. މިކަން ތަންފީޒު ކުރުމަށް އެގައުމުގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސްއަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ. އޯގަސްޓް 23 ވަނަ ދުވަހު ނެރުނު މި އަމުރުގައި، މި ވެބްސައިޓްތައް ހަފްތާއެއްގެ ތެރޭގައި ނައްތާލުމަށް ވަނީ އަންގާފައެވެ.
މުޑްރެކްސްގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގައި، މުޑްރެކްސްގެ ނަމާއި ލޯގޯ ބޭނުންކޮށްގެން ހިންގާ ފޭކް ވެބްސައިޓްތަކުގެ ސަބަބުން ގިނަ ބަޔަކަށާއި، އެކުންފުންޏަށް ގެއްލުން ވަމުންދާކަމަށް ބުނެފައިވެއެވެ. މި ވެބްސައިޓްތަކުން މުޑްރެކްސްގެ ނަމުގައި ވިޔަފާރިކޮށް، ކަސްޓަމަރުންނާ މުޢާމަލާތްކުރަމުންދާކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
މުޑްރެކްސްގެ ފަރާތުން ބުނީ، މަކަރުވެރި ވެބްސައިޓްތަކުގެ ސަބަބުން ގެއްލުންވާ ފަރާތްތަކުން ގިނަ ޝަކުވާތަކެއް އެ ކުންފުންޏަށް ހުށަހަޅަމުންދާ ކަމަށެވެ. އަދި މި ވެބްސައިޓްތަކަކީ މުޑްރެކްސްގެ ރަސްމީ ވެބްސައިޓްކަމަށް ހީކޮށް ގިނަ ބަޔަކު އޮޅުވާލުމުގައި ޖެހެމުންދާކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އިންޑިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސްއިން އަޅާނެ ފިޔަވަޅުތަކާ ބެހޭގޮތުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް ކްރިޕްޓޯ ދާއިރާގައި މިފަދަ މަކަރުވެރި ޙަރަކާތްތައް އިތުރުވަމުންދާތީ، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާމެދު ސަރުކާރުން ވިސްނަމުންދާކަމަށް ރިޕޯޓްތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!