އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ މިސްކިތަކަށް ހަމަލާދީ އިސްލާމިކް ޖިހާދުގެ ކޮމާންޑަރަކު ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުގެ ސިފައިންގެ މި ހަމަލާގައި އީރާނުގެ އެހީތެރިކަން ލިބިގެން ހިންގާ އިސްލާމިކް ޖިހާދު ޖަމާޢަތުގެ ލޯކަލް ކޮމާންޑަރަކާއި އިތުރު 4 މީހަކު ވަނީ ޝަހީދުވެފައެވެ. މި ހަމަލާ ދީފައިވަނީ ބުރާސްފަތި ދުވަހު ތުލްކަރަމް ސިޓީގެ މިސްކިތެއްގައި ހިނގި ހަމަލާ ބަދަލު ކުރުމެއްގެތެރެއިންނެވެ.

Ad
rt

އިސްރާއީލު ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަރާލެވުނު ކޮމާންޑަރަކީ މުޙައްމަދު ޖާބިރު ނުވަތަ އަބޫ ޝުޖާޢަ އެވެ. އޭނާއަކީ ނޫރު ޝަމްސް ރެފިއުޖީ ކޭމްޕުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންގެ ވިއުގައެއްގެ އިސްވެރިޔާއެވެ. އަބޫ އުބައިދާ މިސްކިތުގައި ހިނގި މި ހަމަލާގައި ފަލަސްތީނުގެ އިތުރު 4 ހަނގުރާމަވެރިން ވެސް މަރުވެފައިވެއެވެ.

މި ހަމަލާއާއެކު ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި މަރުވި ފަލަސްތީނުންގެ އަދަދު 17 އަށް އަރާފައިވެއެވެ. އިސްލާމިކް ޖިހާދުގެ ތުލްކަރަމް ޑިވިޜަނުން ވަނީ އަބޫ ޝުޖާޢަގެ މަރު ކަށަވަރުކޮށްދީފައެވެ.

މި އޮޕަރޭޝަން ފެށިފައިވަނީ ބުދަ ދުވަހުގެ ފަތިހުއެވެ. ސަދަހަ އަސްކަރީން ހެލިކޮޕްޓަރާއި ޑްރޯން އަދި އާމަރޑް ވެހިކަލްތަކުގެ އެހީގައި ތުލްކަރަމް، ޖެނިން އަދި ޖޯޑަން ވެލީގެ ސަރަހައްދުތަކަށް ވަދެފައިވެއެވެ. މީގެ އިތުރުން ޖަވްވާލް ކުންފުނީގެ ނެޓްވޯކް ވެސް މުޅިން ކަނޑާލާފައިވާކަމަށް ރޮއިޓަރސް އިން މަޢުލޫމާތު ދީފައިވެއެވެ.